ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ފްރައިޓްގެ އަގުތައް ބޮޑު ތަނުން އިތުރުވެގެން ދިޔައިރުވެސް ރާއްޖޭގެ ފްރައިޓްތަކުގެ އަގު އެއްވަރެއްގައި ހިފެހެއްޓިގެން ދިޔަ ކަމަށާއި، އެ އަގު ހިފެހެއްޓުނީ އަމިއްލަ ޝިޕިންލައިނެއް އޮތުމުން ކަމަށް ގައުމީ ޝިޕިން ލައިން (އެމްއެސްއެސް) ގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓު މުދަލާއެކު ރާއްޖެ އައުމުގެ ތާރީހީ މުނާސަބަތު ފާހަގަކުރަން މިއަދު އެމްޕީއެލް ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވި ގޮތުގައި ކޮވިޑުގެ ވަބާއިން މުޅި ދުނިޔެއަށް ބައްދާލަފައި އޮތް ދަނޑިވަޅެއްގައި މަދު މުވައްޒަފުންތަކަކާ އަދި މަދު ވަސީލަތްތަކާއެކު އަމިއްލަ ޝިޕިންލައިނެއް ފެށި އެންމެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމެވެ.

"ޝިޕިން ސެކްޓާއަށް ބޭރު މީހުންގެ ނުފޫޒު ބޮޑުވެ އަގުތައް އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާ ދަނޑިވަޅުގައި ރައްޔިތުންގެ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް އަމިއްލަ ބޯޓެއް ގެނައުމީ ތާރީހީ ކަމެއް" ނާޒިމް ވިދާޅުވިއެވެ.

އެމްއެސްއެސް އުފެދުނު ފަހުން ގިނަ ކަންކަން އިސްލާހުވެއްޖެ ކަމަށާއި ވިޔަފާރިވެރިން ތަހައްމަލު ކުރަމުން އައި އުދަނގޫތަކެއް ނިމި މިހާރު "އޭގެ އެއްވެސް ކަހަލަ އިހުސާސެއް ނުކުރެވޭހާ ލެވެލްއަށް ގޮސްފި" ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ފްރައިޓް ޗާޖަސް 300 އާ 400 އިންސައްތައާ ދެމެދު ބޮޑުވެގެން ދިޔައިރުވެސް އެމްއެސްއެސް އޮތުމުން ރާއްޖޭގެ ވިޔަފާރިވެރިންނަށް އޭގެ މާބޮޑު އަސަރެއް ނުކޮށް ފްރައިޓް ޗާޖަސްތައް އެއް އަގެއްގައި ހިފެހެއްޓުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރާއްޖޭގެ ޝިޕިންއަށް މި ގެނައި ބަދަލާއެކު ފްރައިޓްތައް ކުޑަވެ ވިޔަފާރިވެރިންނަށް ހިތްހަމަ ޖެހުމެއް ގެނެސްދިން" ވިޔަފާރިންވެރިންނަށް ލިބުނު ލުއިތައް އޭނާ ސިފަކުރެއްވިއެވެ

އެމްއެސްއެސް ގަލޭނާ އަކީ 680 ކޮންޓެއިނާ އުފުލުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރޭވެނެ ކަމުގެ ޔަގީންކަމާއެކު އެމްއެސްއެސްއިން ގަސްތުކުރަނީ މާލެއާ ކޮލަމްބޯއާ ދެމެދު ކޮންމެ އަށް ދުވަހުން ދަތުރުކުރަންށެވެ.

އޭނާ ވިދާޅުވީ އެމްއެސްއެސް އިން ހަމައެކަނި އުފުލަނީ ކޮންޓެއިނާގެ ވަސީލަތްތަކެއް ނޫނެވެ. ބޯޓުތައް ކާގޯގެ ބާވަތްތައް ސަޕްލައިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްއެސްއެސްއިން އޮޕަރޭޓްކުރީ އައިބީރިއަން އެކްސްޕްރެސްއާއި އެމްސީޕީ ލިންޒުން 13 މަހުގެ ތެރޭގައި މިހާތަނަށް 21،645 ގެ 20 ފޫޓް ސައިޒްގެ ކޮންޓެއިނާ ހޭންޑެލްކޮށްފައިވާ ކަމަށެވެ. ދިވެހިންގެ ޝިޕިން ލައިނަކުން ހިދުމަތް ފޯރުކޮށް ދިނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ބޯޓު ތަކަށްފަހަރަށް އަވަސް ހިދުމަތެއް ދިނުމުގެ އަހައްމިއްޔަތުކަން ވަރަށް ބޮޑަށް ދެއްވާ ކަމަށާއި މަސައްކަތްކުރައްވަނީ ވީހާވެސް އަވަހަށް ބޯޓު ފުރުވާލުން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނިލް

    ކޮބާ އަގުތައްހިފެހިއްޓިފައި ކޮވިޑްތެރޭގައި 100ގ ގިތެޔޮމިރުސް ލިބުނީ 100ރުފިޔާއި،90 ރުފިޔާއަށް، 1.8ގެ ކުކިން އޮއިލް48ރ/-،50ރފިޔާއަށް ލިބުނު ފުޅި 85ރުފިޔާ،90ރުފިޔާއަށް ހުރީ އަދި ކޮބާ 2ރުފިޔާއަށް ލިބެންހުރި އޮރެންޖް ލިބެނީ5ރ، 4ރުފިޔާއަށް މިހެންގޮސް ކިޔާނެކަމެއްނެއް އަދިވެސް ހުރީ މި އަގުތަކުގައި މިރުސް ފިޔަވައި.

    4
    1
  2. ޢަދުރޭ

    ޢަމިއްލަ ޝިޕިންގް ލައިން އެއް އޮތްކަން އެނގުމުން ހިތައް ވަރަށްބޮޑު ތަސައްލީ އެއް ލިބިގެން ހިނގައްޖެ