ދިރިއުޅުމުގައި އަމިއްލަ ފައިމައްޗަށް ތެދުވެ އަނބި ދަރިންނަށް ހަރަދު ކުރުމަށް ބުރަ މަސައްކަތް ކުރާ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެކަކީ ތ. ދިޔަމިގިލި ޒަކަރިއްޔާ އާދަމް (52 އ.) އެވެ.

ޒަކަރިއްޔާއަކީ ދިރިއުޅުމަށް މަސް ކައްކައި އެތަކެތީގެ ވިޔަފާރި އެރަށުގައި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށުގެ އެންމެން ވެސް ދަންނަ ސިނާއީ ސަރަހައްދުގައި ހަދާފައި ހުންނަ މަސްބަދިގޭގެ ވެރިޔާއެވެ. ގިނަ އަހަރު ތަކެއް ވަންދެން ކުރަމުން އައި މަސައްކަތް ރޭ ހިނގި ހާދިސާއާއި ގުޅިގެން އަޅިއަށް ވެގެން ދިއުން ޒަކަރިއްޔާއަށް ގަބޫލެއް ވެސް ނުކުރެވުނެވެ.

"އެތަން އެހާލުގައި ހުއްޓާ ފުރަތަމަ ފެނުނީމަ އެނބުރުން އަރައިގެން ދިޔައީ. ގަބޫލު ކުރަން ވެސް ދަތިވި 12-15 ވަރަކަށް އަހަރުވަންދެން ކާންބޯން، ދަރިންނަށް ހަރަދު ކުރަން ކުރި މަސައްކަތް އަޅިއަށް ދިއުމުން" އެތަނުގެ ހާލަތު ކިޔައިދެމުން ޒަކަރިއްޔާ ބުންޏެވެ.

ތިން ކުދިންގެ ބައްޕަ ޒަކަރިއްޔާ ބުނީ، ޖުމްލަ 3000 އަކަފޫޓުގެ އެ ސައިޓަށް ބަދަލުވިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށާއި އެތަނުގައި އެކި ކަހަލަ ސާމާނުތައް ހުންނާނެ ކަމަށެވެ. އެގޮތުން މަސް ކައްކަން ބޭނުން ކުރާ ތަކެއްޗާއި ދަރާއި ކަރަންޓު ސާމާނު ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

ޒަކަރިއްޔާ އާދަމް މަސްކައްކަން އުޅޭ ސައިޓް

"ޔަގީނުން ވެސް ފަސް ލައްކަ ރުފިޔާގެ ތަކެތި އެތަނުގައި ހުންނާނެ. އެހުރިހާ އެއްޗެއް އަނދައި އަޅިއަށް ވެފައި ހުރީ" ޒަކަރިއްޔާ ބުންޏެވެ.

ޒަކަރިއްޔާ ބުނީ، ސައިޓުގައި 3000 އަކަފޫޓު ހުއްޓަސް މަސްކައްކަން ބޭނުން ކުރާ ސަރަހައްދުގެ ދިގުމިނުގައި 42 ފޫޓު އަދި ފުޅާ މިނުގައި 23 ފޫޓު ހުންނާނެ ކަމަށެވެ. ބާކީ އޮތް ސަރަހައްދުގައި ކަރަންޓު މީޓަރު ބޯޑާއި އެހެނިހެން ތަކެތި ހުންނަ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އެތަން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. އާއްމުކޮށް ކޮންމެ ދުވަހަކު މަސް ކައްކައި ނިމިގެން ދުންޖަހައެވެ. އެގޮތުން ގެއަށް ދިއުމުގެ ކުރިން ބޮނބި ބޭނުން ކޮށްގެން މަސްތަކަށް ދުން ޖަހާފައި ގެއަށްދާ ކަމަށް ޒަކަރިއްޔާ ފާހަގަ ކުރިއެވެ.

ޒަކަރިއްޔާ އާދަމް މަސްކައްކަން އުޅޭ ސައިޓް

"ދުން ޖަހާއިރު، ވައި ހުންނަ ގޮތުން ޓިނު ގަނޑެއް ވެސް ލައްޕާފައި ގެއަށް ދަނީ. ނޭނގޭ ކިހިނެއް ކަމެއް މިކަން ހިނގީ" ޒަކަރިއްޔާ ބުންޏެވެ.

ޒަކަރިއްޔާ އިތުރަށް ބުނީ، ރަށުން ބަޔަކަށް އެތަން ރޯކޮށްލީ ކަމަށް ތުހުމަތު ވެސް ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް މީގެ ކުރިން ގޭގައި ކައްކައި އުޅޭތީ މީހުންނަށް އުނދަގޫ ވެގެން ޒުވާބު ވެސް ކުރާ ކަމަށެވެ. ނަމަވެސް ސައިޓަށް ބަދަލުވި ފަހުން އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަބްދުލްމުހައިމިން

  "އާއްމުކޮށް ކޮންމެ ދުވަހަކު މަސް ކައްކައި ނިމިގެން ދުންޖަހައެވެ." ދުމަކީ އޭގެ ޒާތުގައިވެސް އަލިފާން ރޯވާ އެއްޗެއް. މާބޮޑަށް ދުން ބޯވެއްޖެނަމަ ހުޅުހިފާނެ. ތި ހިތާމައިގައި ބައިވެރިވަން. ދުއާއަކީ އަލުން ތިމަސައްކަތާއިގެން ތެދުވެ ހިންދެމިލުމުގެ ހެޔޮތައުފީޤު ކީރިތި ﷲ ޒަކަރިއްޔާއަށް މިންވަރުކުރެއްވުން.

  43
  1
 2. އަޚް

  ތިބާއަށް ﷲ ކެތްތެރިކަންދެއްވާ އިޚްނަށްވުރެ ދީނީކަންތައްތަކަށް ކައިރިވެ ލިބޭ މިންވަރުން ނިކަމެެތިންނަށް ކޮންމެ މަހަކުވެސް އެހީތެރިވޭ...

 3. Anonymous

  ވަރަށް ދެރަ ކަމެއް..އެއްވެސް ވަރަކަށް އަލިފާނުގެ އަސަރު ހުއްޓާ ތަންދޫކޮށް ދިއުމުގެ ނަތީޖާ ކަމަށް ގަބޫލުކުރެވޭ..މައުލޫމާތަށް ބުރަވެ ބަލާއިރު ހާދިސާ ހިގުމުގެ އިހުމާލު އޮތްކަމަށް ފެނޭ..

  2
  1
 4. ދިވެހި ރައްޔިތެއް

  ޢުއްމީދުކުރަން ލިބުނު ގެއްލުމަށާއި އަލުން މަސައްކަތް ފެށުމަށް ސަރުކާރުގެ މާލީ އެހީތެރިކަން ޒަކަރިއްޔާއަށް ލިބިގެންދާނެކަމަށް. ﷲ ޒަކަރިއްޔާގެ އާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާ އަލުން މަސައްކަތް ފެށުމުގެ ތައުފީޤު ދެއްވާށި. އާމީން.