ކުއްލިއަކަށް ހާލުދެރަވެގެން ގދ.ތިނަދޫއިން މާލެއަށް ގެނެސް އައިޖީއެމްއެޗް އިން ހެދި ޓެސްޓްތަކުން އެކިއުޓް ލުކީމިއާ (ލޭގެ ކެންސަރު) ޖެހިފައިވާކަން އެނގުނު އުމުރުން 13 އަހަރުގެ އައިމިނަތު ޝައިހާ ޝަހީދު ނިޔާވެއްޖެއެވެ.

ޝައިހާ އަށް ފަރުވާ ދިނުމަށް ބޭނުންވާ އެހީ ހޯދުމަށް މީސް މީޑިއާގައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ވަރަށް ގިނަ ބަޔަކު ވަނީ ޝައިހާ އަށް އެހީތެރިކަން ފޯރުކޮށްދީ، އަދި ޝައިހާ އަށް އެހީ ހޯދުމުގެ ކެމްޕޭން ވެސް ކުރިއަށް ގެންގޮސްފައެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ބަލިވެގެން މާލެ ގެނައީ މިދިޔަ ހަފްތާގައެވެ.

އެކުއްޖާ ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ޝައިހާގެ އާއިލާ އިން ފޭސްބުކްގައި ކުރި ޕޯސްޓްގައި ބުނެފައި ވަނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ރޭ ފަތިހު ވަރަށް ބޮޑަށް ޙާލު ދެރަވެ، ޝައިހާ ވަނީ ނިޔާވެފައި ކަމަށެވެ.

ޝައިހާގެ ހަށިގަނޑު އަނބުރާ ރާއްޖެއަށް ގެނައުމަށް އާއިލާއިން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށާއި މާލެ ގެނެވުނުހާ އަވަހަކަށް ޖަނާޒާގެ ކަންކަން ހަމަޖައްސައި އެކަން ޙިއްސާކުރާނެ ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އެކި ގޮތްގޮތުން ޝައިހާގެ ފަރުވާއަށް އެހީތެރިވެދިން ފަރާތްތަކާއި، ޝައިހާއަށް ހެޔޮ ދުޢާ ކޮށްދިން ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު އަދާކޮށްފައި ވެއެވެ.

އަދި ހާލަތު ބަދަލުވުމާއި ގުޅިގެން ޝައިހާގެ ފަރުވާއަށް މާލީ އެހީ ހޯދުމަށް އެދި ކޮށްފައިވާ ޕޯސްޓްތައް ޙިއްސާ ކޮށްދެއްވާފައިވާ ބޭފުޅުން އެ ޕޯސްޓްތައް ޑިލީޓް ކޮށްދެއްވުމަކީ އާއިލާގެ އިޚުލާސްތެރި އެދުމެއް ކަމަށް ވެސް އާއިލާ އިން ބުނެފައި ވެއެވެ.

މާތް ﷲ ޝައިހާގެ ފާފަ ފުއްސަވައި، ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޚކކކކކކ

    އެކުށްޖާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި

    26
  2. ޢަބްދުލްމުހައިމިން ޙުސައިން

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. މާތް ﷲ މަރުޙޫމާގެ ފާފަ ފުއްސަވައި، ފުރާނައަށް ހެޔޮ ރަޙުމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.

    20
  3. ހެޔޮދުޢާ

    إنا لله وإنا إليه راجعون، ﷲ ޝައިހާގެ ފާފަ

    12
  4. ހެޔޮދުޢާ

    إنا لله وإنا إليه راجعون! ﷲ ޝައިހާގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

    14