ހެއްކާ ބެހޭ ބިލަށް ފުލުހުންގެ ފަރާތުން ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި، ތަހުގީގުކުރުމުގައި ދާއިރާގައި ހަރަކާތްތެރިވާ އިންވެސްޓިގޭޝަން އޮފިސަރުންނާއި ފޮރެންސިކާއި މާލެ ސިޓީ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކާއި ޕޮލިސް އަދި ރީޖަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

އެއް ދުވަހުގެ މި މަސައްކަތު ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން މައުލޫމާތު ދީ ފުލުހުންގެ ފަރާތުން ބިލަށް ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންގެ ފަރާތުން ބިލަށް ހުށަހަޅާ އިސްލާހްތައް ހާމަކޮށްފައެއް ނުވެއެވެ.

ހެއްކާއި ބެހޭ ބިލަށް ގެންނަން ބޭނުންވާ އިސްލާހުތައް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން މަޖިލީހުން ވަނީ އެދިފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލްގައި ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަކުރެވިގެންވާ ގޮތާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކިބަސް ނެގުމުގެ އިތުރަށް ހެކި ވަޒަންކުރުމުގެ މިންގަނޑުތައްވެސް ކަނޑައެޅަޅާފައިވެއެވެ.

މީގެ އިތުރަށް މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ހައްދު އަދި ގިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައްވެސް ކަނޑައެޅިގެންދާނެއެވެ.

ހަމަ މިއާއިއެކު ހެއްކާބެހޭ ބިލުގައި ހެކި ހުށަހެޅުމަކާ ނުލައި ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުމާއި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިމްތިޔާޒް ލިބިގެންވާ ކަންކަން ބަޔާންކުރުމާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައްވެސް ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ މީގެ 45 އަހަރު ކުރިން އަމަލުކުރަމުންދިޔަ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާއި ބެހޭ ގާނޫނަކަށެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ބައްދަލު ގަނޫނެއް ކަމުގައިނުވާތީ އޭގެ ބަދަލުގައި ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޏަމް

    ސޯލިހު އިސްތިއުފާ އިންޑިއާ އައުޓު ފުރޮމް މޯލްޑިވުސް.

  2. ސަރީފް

    45 އަހަރު ދުވަސް ވީއުރުވެސް އެތައްމަސައްކަތެއްކުރެވި އެއްވެސް ބަދަލެއްގެންނަން ނުކެރި އޮތް ޤާނޫނެއްތީ މިފަހަރު މަޖިލީހައް ތި ބަލައިގަތަސް ރަގަޅު