އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެ ކަން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފިއެވެ.

"ވަގުތު" އާ ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އާއިލާ ގޮތުން ގާތް ބޭފުޅުންނާ ޝަރީފް ބައްދަލު ކުރައްވައި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިއީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ޝަރީފްގެ މި އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިވަން، މުސްތަގިއްލު ކޮމިޝަންގެ ވެރިއަކަށް ހުންނަވާފައި އިސްތިއުފާ ދެއްވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވޭ. އެކަމަކު، މިހާރު މި ފެންނަނީ ވަރަށް ބޮޑަށް ޝަރީފް ބޭނުންވާ ކަމެއް ކުރަން މަސައްކަތް ކުރާ ތަން، މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މެމްބަރަކު ވިދާޅުވިއެވެ.

"މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިހާރުން މިހާރަށް އެކަން ހުއްޓާލަން ޖެހޭ"

މަޖިލިހުގެ އެހެން މެމްބަރަކު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި ޝަރީފް ކުރެއްވި އިހްލާސްތެރި މަސައްކަތްތަކުގެ ސަބަބުން ޝަރީފަށް އިހްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު، ޝަރީފް މިހާރު ކުރައްވާ މަސައްކަތުން އޭނާ އަށް ލިބޭނީ އާންމުންގެ ނަފްރަތު ކަމަށް ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން އާންމުން ޝަރީފަށް ކުރާނީ ނަފްރަތު. ރުޅި ގަދަވާނީ ވެސް ރައްޔިތުން ޝަރީފްއާ ދޭތެރޭގައި" މެމްބަރަކު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝަރީފް "ވަގުތަށް" ވިދާޅުވީ އެއްވެސް މުއައްސަސާއަކަށް ނުވަތަ ބަޔަކަށް ގުޅައި ނުފޫޒެއް ފޯރުވަން މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއްވެސް މުއައްސަސާއަކަށް އެއްވެސް ބަޔަކަށް ނުގުޅަން. ދެން ދަންނަ މީހުން އުޅޭނެ. އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. ނުވަސް ގުޅަން" ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުން ޝަރީފް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ޖޫން 21 ގައެވެ.

ޝަރީފް އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި، ކޮމިޝަންގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލުކުރެއްވޭތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައިވެއެވެ.

އީސީގެ މެންބަރުކަމަށް ޝަރީފް އައްޔަންކޮށް މަގާމުގެ ހުވާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗް 6، 2018 ގަ އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިިގެންފައެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީނަށް ނާކާމިޔާބުވުމާ ގުޅިގެން އިންތިހާބުގައި މަކަރު ހެދި ކަމުގެ ތުހުމަތާއެކު ޔާމީނާއި ސަޕޯޓަރުން ޝަރީފްއާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ވެސް ކުރިއެވެ.

ޝަރީފް ވަނީ ޔާމީންގެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރައްވައިފައެވެ. މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދި ކުރީގެ ޕްރިންސިޕަލް ޝަރީފް ކުރީގެ ސަރުކާރުގައި އެންމެ ފުރަތަމަ އަދާކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބެއްގެ މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަސީހު

    ސަރީފައްމިހާރު އެއްޗެއްވިސްނޭނެ ދެންވެސް 2018ވަނައަހަރު ރިޔާސީއިންތިހާބުގަހެދިގޯސްތައް ރައްޔިތުންނާ ހިއްސާކޮއް މާފައްއެދުމައް.ނަސޭހަތްތެރިވަން

    53
    3
  2. އަދުހަމް

    ވޯޓުން ވައްކަންކޮށް އެތައް މިލިޔަން ޑޮލަރެއް ރިޝްވަތުގޮތުގައި ހިފި ޣާއްދާރެއް. ރައްޔިތުންގެ ކޮން ލޯތްބެއް

    50
    2
  3. އިރުއަލި

    އާދެ އެހެންތާވާނީ، ޝަރީފުގެ މިންނެއް މަސައްކަތުން، އިބޫއަށް ވެރިކަން ލިބިފައިވާކަމަށް ޝަރީފުއަށް ޤަބޫލު ކުރެވޭނަމަ، މި ސަރުކާރުގެ ހިއްސާވެސް ޝަރީފުއަށް އޮންނާނެ ކަން ޝަރީފު ޤަބޫލުކުރާނެއެވެ. އެމްޑީޕީއަކީ ބޭނުންވީމާ ކައިރިކޮށްފައި، ބޭނުން ނެތުނީމާ އެއްލާލަން ވަރަށް ކުޅަދާނަ ބައެކެވެ.

    44
  4. Anonymous

    ޤައުމަށް ޙަރާމްކޯރުވީ.އެއީ ތިވީ އިޚްލާޞްތެރިކަމަކީ

    39
  5. ދަރަނި ދަންތުރަ

    މިހާރު ރީނދޫ ގުރޫޕު މީހުންނަށް ހަކުރުގައި ހިތިރަހަލާން ފެށީތޯ . 2018 ގައި ސަރީފު ވަރުގެ މީހަކު ނެތިގެން ތެޅިއެވީ ވެސް މި ގުރޫޕު ، ލަނޑަޔާ ވާނީ ލަނޑަޔާ

    41
  6. ބަކުރު

    ރަށްޔަތުންނަށް ހަރާމްކޯރުވި މީހެއް ވޯޓުއޮޅުވާލައި ސޯލިހަށް ވެރިކަން ހޯދަދިނުމަށް ކުރިމަސައްކަތުން މަންފާހޯދި ގައްދާރެއް.

    40
  7. ހުސެން

    ހެލެނީ ފޮތިގަނޑު.ފަޅާއަރަނީ.

    36
  8. ސސ

    ބަތް ދެންޏާ ބޮޑުބޭބެ ދޯ ؟ އެމްޑީޕީން ޝަރީފަށް ދޯކާދިނީ ދޮ ؟

    35
  9. ލޮލް123

    ވަރަށް ތެދުވެރި ބޭފުޅެއް.

    10
    30
  10. އަލީ

    2018 ގެ ވޯޓް ކަރުދާސް އަންދާލި މައްސަލަ އަދި އޮތީ ހީވަނީ އެކަންތަށް ގަނޑު ފަށަން ބަޔަކު އުޅެނީހެން

    40
  11. މޫސަ

    ތިޔައީ މަޤާމެއްގެ ދަހިވެތި ކަމުގައި ކުރާ ކަމެއް. އެތަންތާނގެ ވެރިންގެ ޝަކުވާކޮށްގެން އެމީހުން މަޤާމުން ވަކި ކުރަން ތިޔަ މަސައްކަތް ކުރަނީ. 9 ވަނަ ހަސަން ރަސްގެފާނަށް ވީގޮތް އެނގޭބާ؟

  12. މޮރިލް

    ވޯޓު ވަގު އީސީ ޝަރީފް ތެޅެނީ މިކޮންކަމަކާތަ ؟؟

  13. އިސްޢާފް ސަލީމް

    މި ފެނިވަޑައިގަންނަވަނީ ވޯޓުވަގު!

  14. މޫސަ

    ޝަރީފުމެންނަކީ އިންޑިޔާގެ ޕަލިކާ ބާޒާރުގައި ގެންގުޅޭ މުދަލަށްވެފައި ތިބި މީހުން. ކިޔަވައިގެން ތިއްބަސް އަކްރަމް މެން ކަހަލަ ނުކިޔަވާތިބި ތާކުންތާކު ނުޖެހޭ މީހުންގެ އަވާގާޖެހި ހުރިހާ އެއްޗެއް މިހާރު ތިޔަ ހުރީ ގެއްލި. އިންޑިޔާ ސިފައިންނަށް ގައުމު ވިއްކާގެންތިބި ގައްދާރުން

  15. Anonymous

    މޑޕ ގެ މައްޗަށް އޭނައަށް ނުފޫޒު ހިންގޭނެ! ކަލޭމެން 2018 ގެ އިންތިހާބު ކާމިޔާބުކުރިގޮތް އެނގޭމީހާގެ އަތުގައި އެރެކޯޑިންގތައް ހުންނާނެ.
    ބްލެކް މެއިލް ކުރެވޭނެ. 2023 ކައިރިވީމަ މިކަން އަދި ބޮޑުވާނެ.

  16. ބޮލި މުލައް

    މިސަރުކާރަކަށް މީނައަށް ފާޑު ފާޑެއް ނުކުރެވޭނެ މީނަގެ ނަންވެސް އޮތީ ދައުލަތް އޮރިޔާންކުރުމުގެ ޤާބިލުކަން ލިބިފަވާ މީހުންގެ ލިސްޓުގަ

  17. ފަޒީ

    މިހާރު ވެސް ނުފޫޡޫ އޮންނަކަން އިނގޭ، އަދިވެސް ޝަރީފްގެ އަމިއްލަ ކާރު ބާއްވާ ގަރާޖަކީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) . ކޮން ހައިސިއްޔަތަކުންތޯ ޝަރީފުގެ އަމިއްލަ ތަކެތި ބާއްވަން ސަރުކާރު އޮފީހެއްގެ ބޭނުން ހިފޭނީ؟