ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގެ ބައެއް އަންނަ އަންގާރަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

މިއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު، ނަޝީދު ރިޔާސަތުގައި އިންނަވާ، ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން ނަވާރަވަނަ މަޖިލީހުގެ ފުރަތަމަ އަހަރުގެ ތިންވަނަ ދައުރުން ފެށިގެން ކޮންމެ ދައުރެއް ނިމިގެން ބާއްވަން ނިންމި ޕްރޮގްރާމެކެވެ.

މި ގޮތުންމި ޕްރޮގްރާމް ވަނީ މިދިޔަ އަހަރުގެ ފަހު ދައުރު އަދި 2019 ވަނަ އަހަރުގެ ފަހު ދައުރު ނިމިގެން ބާއްވައިފައެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދު ކުރި މުއްދަތުގައި ހިނގި ދައުރުތަކުގައި މި ޕްރޮގްރާމް ބޭއްވިފައެއް ނުވެއެވެ..

އެންމެ ފަހުން މި ޕްރޮގްރާމް ބޭއްވީ މި އަހަރުގެ ޖޫން މަހުގައެވެ. ނަޝީދު ބައިވެރިވެވަޑައިގަތީ ޖަރުމަނުގައި ހުންނަވައެވެ. އެއީ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވި ދުވަސްކޮޅެވެ..

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި، އަންނަ އަންގާރަ ދުވަހުގެ ރޭ 9:00 ޖަހާއިރު ވެސް މި ޕްރޮގްރާމް އޮންނާނެއެވެ. އަދި ސުވާލުތައް ފޮނުވުމުގެ ސުންގަޑިއަކީ އެ ދުވަހުގެ މެންދުރުފަހު 2:00 ޖަހާއިރުއެވެ.

ސުވާލުތައް ފޮނުވަން ބޭނުންވާ ފަރާތްތަކުން ޓެލެގްރާމް، ވަޓްސްއެޕް، ވައިބާ އަދި އެސްއެމްއެސް މެދުވެރިކޮށް ސުވާލުތައް ފޮނުވޭނެއެވެ. ފޮނުވަން ޖެހޭ ނަންބަރަކީ 7234566 އެވެ.

ޕްރޮގްރާމް ކުރިއަށްދާ ވަގުތު ކްލަބް ހައުސް މެދުވެރިކޮށް ވެސް ސުވާލު ކުރެވޭނެއެވެ. އެކަމަކު އެ ޕްލެޓްފޯމްގައި ވެސް ސުވާލު ކުރަން ނަން ނޯޓު ކުރަން ޖެހެއެވެ. މި ގޮތުން ސުވާލު ފޮނުވުމުގެ ސުންގަޑީގެ ކުރިއަށް އައިޑީކާޑު ނަންބަރާއި ކްލަބް ހައުސް އައިޑީ ނަން ފޮނުވަން ޖެހެއެވެ. މި މައުލޫމާތު ވެސް ފޮނުވާނީ ސުވާލު ފޮނުވަން ހަމަޖެހިފައިވާ ނަންބަރަށެވެ.

މީގެ އިތުރުން، ފޭސްބުކްގައި ޕޯސްޓް ކޮށްގެން އަދި ޓްވިޓާގައި ޓްވީޓް ކޮށްގެން ވެސް ސުވާލު ކުރެވޭނެއެވެ. މި ޕޯސްޓްތަކުގައި "އާސްކް ސްޕީކާ" އިނގިރޭސި ލަފުޒުތަކުން ލިޔެފައިވާ ހޭޝްޓެގް ބޭނުން ކުރަން ޖެހެއެވެ.

މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެ ޕްރޮގްރާމެއް ނަޝީދު ރޭވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ވެސް މިފަދަ ކަންކަން ކުރައްވާފައިވެއެވެ. މި ގޮތުން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހަފުތާއަކު އެއް ފަހަރު ގައުމާ މުޚާތަބު ކުރައްވަން ރޭޑިއޯ ޚިތޯބެއް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހިތް ތިރި ބިރުކުޑަ ވަރުބަލިނުވާ ފަގީރުކޮއިދޯ ، މީގެކުރިން އުޅުނީ އަލީ އަބުދުﷲ ގެ ތައްޕާހުގައި މިހާރު އެތަނުން ބޭރުކޮށްލީމަ ، ރައްޔިތުންގެ ތައްޕާހުގައި ދުވާލަކަށް 33000 ހާސްރުފިޔާ ، މިއީ ދިވެހިންނަން ޖެހިފައިވާ ބޮޑު މުބާތެއް...