ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސެއިން) މަޖިލީހުގެ ތެރޭގައި ތަކުރާރުކޮށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރަށް ފުރައްސާ ކުރާތީ މެމްބަރު ޝަހީމް އަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އޭނާ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މަޖިލީގެ ރައީސް އަށް ޖާބިރު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމްއާ ކުރެއްވި ސުވާލާ ގުޅިގެން ޖާބިރަށް ލިބުނު ފުރުސަތުގައި ވަޒީރަށް ނިސްބަތްކޮށް ”ކުއްތާ" އޭ ވިދާޅުވިކަމަށް ޝަހީމް މަޖިލީހުގެ ތެރޭގައި ތަކުރާރުކޮށް ވިދާޅުވެ އޭނާއަށް ފުރައްސާރަ ކުރިމަތި ކުރައްވަމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން މަޖިލީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ޖާބިރަށް ދަތިވާތީ މަޖިލީހުގެ ޤަވާއިދުގެ 106 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރާއި 110 ވަނަ ނަންބަރަށް ޙަވާލާދީ ޝަހީމްގެ މައްޗަށް ސުލޫކީ އަދި، އިމްތިޔާޒްގެ މައްސަލަ އެއް ހުށަހަޅައިދިނުމަށް ޖާބިރު އެދިވަޑައިގެންނެވި އެވެ.

”މި މައްސަލަ ޤާއިމްކުރެވިފައިވާ ނިޒާމުގެ ތެރެއިން ނުފޫޒެއްނެތި އޮބްޖެކްޓިވްކަމާއެކު ބައްލަވައިދެއްވުން އެދެން. ޙަވާލާދީފައިވާ ޖަލްސާގައި ޢިއްޒަތްތެރި ވަޒީރާ މުޚާޠަބު ކުރުމުގައި އަޅުގަނޑު ބޭނުންކޮށްފައިވާ ލަފްޒަކީ "ހުތާ" އެވެ. އެއީ އަޅުގަނޑާއި އަދި އެ ޢިއްޒަތްތެރި ވަޒީރު ނިސްބަތްވާ ހުވަދު އަތޮޅުގައި ޤަދަރުވެރި އަދި ކުލުނުވެރި ލަފްޒެކެވެ. “ ޖާބިރުގެ ސިޓީގައި ވިދާޅުވި އެވެ.

ޖާބިރު ވަނީ ރާއްޖޭގެ އެކި ދާއިރާތަކާއި ބަހުރުވައާއި އާދަކާދަތައް ތަމްސީލްވާ ޢިއްޒަތްތެރި މަޖިލީހުގައި ރާއްޖޭގެ އެކި ދާއިރާތަކަށް ނިސްބަތްވާ ރިވެތި ބަސް ބޭނުންކުރެވުން މުޠުލަޤުގޮތެއްގައި މަނާކުރެވިފައި ނުވާކަން ފާހަގަ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިމް

    ތީ ވަރަށް ރަގަޅުކަމެއް.. ނޫސްވެރިންވެސް ލިޔާއިރު އެންމެ ފަހަރަކުވެސް އެކިޔާއެްޗެއް އަޑުނާހާލިޔަނީ . އަބުރުގެ ދައުވާވެސް ކުރެވެންޖެހޭނެ..