އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ވޯޓުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ރަތް ބަޓަން އިޚްތިޔާރުކޮށްފިއެވެ.

މިއީ ސަރުކާރު ބަދަލުވި ފަހުން ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީގެ މެންބަރުން ވެސް ވޯޓު ދިން ފުރަތަމަ ފަހަރެވެ.

ނަވާރަވަނަ މަޖިލީހުގައި ޕީޕީއެމްއާއި ޕީއެންސީގެ ނުވަ މެންބަރަކު ތިއްބަވައެވެ. އެއިން އެއް މެންބަރަކު ފިޔަވައި އެހެން މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގަތެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ވެސް އެ އަށް މެންބަރުންނެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް "ވަގުތު" އަށް ވިދާޅުވީ ބަޖެޓްގެ ވޯޓުގައި "ރަތް ބަޓަން" އިޚްތިޔާރު ކުރަން އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުން ނިންމީ ރައްޔިތުންނަށާއި އިގްތިސޯދަށް ގެއްލުންވާނެ ދަރަނި ބޮޑު ބަޖެޓެއް ފާސްކުރަން ތާއީދު ނުކުރާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނީ ރައްޔިތުންނަށް ނިކަމެތި ކަން ލިބިދޭ ގޮތަށް ބޮޑު ދަރަނި ބަޖެޓެކޭ އޮތީ، އަޅުގަނޑުމެންގެ ބަސް ވޯޓުން ދައްކަން ވާނޭ، އެހެންވެ އަށް މެންބަރުން ވެސް ރަތް ބަޓަނަށް ފިއްތީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް 36.99 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ. މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. މިއީ މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ޑެފިސިޓް ބަޖެޓެވެ.

މިދިޔަ ދެ އަހަރު މި ސަރުކާރުން ހުށަހެޅި ބަޖެޓަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މަޖިލިސް މެންބަރުން ވޯޓު ދެއްވިއެވެ.

މީގެ ކުރީގައި އެމްޑީޕީ އިދިކޮޅުގައި އޮތް އިރު، އެއްވެސް އަހަރެއްގައި ބަޖެޓަށް ވޯޓު ދީފައެއް ނުވެއެވެ. ބައެއް އަހަރުތަކުގައި މަޖިލީހުގެ އެ ޖަލްސާ ބޮއިކޮޓް ކޮށްފައިވެސް ވެއެވެ.

ބަޖެޓްގެ ހިސާބުތައް

  • ޖުމުލަ ބަޖެޓް: 36.9 ބިލިއަން ރުފިޔާ
  • އާމްދަނީ: 24.2 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.7 ބިލިއަން ރުފިޔާ
  • ދަރަނި ދެއްކުން: 2.9 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 6.2 ބިލިއަން ރުފިޔާ

ފިނޭންސް މިނިސްޓަރު އިމްރާހީމް އަމީރު ހުށަހެޅުއްވި ބަޖެޓަކީ ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 34 ބިލިއަން ރުފިޔާ އަދި ދަރަނި ދެއްކުމަށް ކަނޑައެޅިފައިވާ 2.9 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާޚޮށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާ ކުރާ އާމްދަނީގެ ތެރެއިން 15.4 ބިލިއަން ރުފިޔާ އަކީ ޓެކުހެވެ. ޓެކްސް ނޫން ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައިވެއެވެ. އަދި، ހިލޭ އެހީ އާއި އެހެނިހެން ގޮތް ގޮތުން 2.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގލ

    އިދިކޮޅުގެ ނިންމުން ރަނގަޅެވެ ދަރަނި ބަޖެޓަށްވޯޓް ދޭނެ
    ކަމެއް ނެތެވެ އެއީ މޑޕ އިން ވައްކަންކުރަން ފާސްކުރި
    ޑެފިސިޓް ބަޖެޓެކެވެ.

    17
    4
  2. ކޮރަލް

    ބަޖެޓްގެ ބޮޑު ބައެއް ސިޔާސީ މީހުންގެ މުސާރަ އާ އެހެނިހެން ހަރަދަ ށެވެ.

  3. އަލްޖިބްރާ

    މިޤައުމުގައި އިދިކޮޅު ކޯލިޝަން އަކީ ކަންތަށް އިސްލާހު ކުރަން އުޅޭ ބައެއް ނޫން ! އެމީހުންނަކީ ހުރިހާކަމަކުން މިހާރު އޮތް ސަރުކާރަށް ޖެއްސުން ކުރަން ނިކުމެ ތިބި ބައެއް !

    1
    15
  4. ރައީސް ޔާމީން

    އެއްބާރުލުން ދޭން ނޭނގޭ މެންބަރުންނަކީ ކޮބައިކަން އެނގި ސާފުވެއްޖެ.

    3
    7