މިހާރުންފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީކުރުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުން ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިފިއެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމަކީ ލާމަރުކަޒީ ނިޒާމެއްކަމުން، އެ ދުރުރާސްތާ ތަސައްވުރު ގައި ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމުގައި ގަވައިދުން ރަސްމީ ތަފާސްހިސާބު އެކުލަވާލާ އިދާރާތަކުގެ ގޮތުގައި ސަރުކާރުގެ 17 އޮފީހެއް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތައް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި ސްޓްރެޓަޖީ އެކުލަވާލުމުގައި، ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތްކުރާ ދައުލަތުގެ ވުޒާރާތަކާއި، ޑޭޓާ ބޭނުންކުރާ ފަރާތްތަކާއި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ދިމާވާ ދަތިތައް ދެނެގަނެ، މިކަންކަމަށް ހައްލުތަކެއް ހިމެނިފައިވާނެ ކަމަށެވެ. ދުރުރާސްތާ ޕްލޭންގައި ކުރަންވީ ކަންތައްތަކާއި، ތާރީހާއި، އެކަންކަން ހާސިލުކުރުމަށް ބޭނުންވާނޭ ފައިސާވެސް ވަނީ ހިމަނާފައެވެ.

އަދި މިއަހަރު ވުޖޫދަށް ގެނެސް، މިހާރު އަމަލުކުރަމުންގެންދާ ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ތަފާސްހިސާބުގެ ދާއިރާ ޒަމާނީކޮށްކޮށް ޓެކޮނޮލޮޖީގެ ބޭނުންހިފާމިންވަރު އިތުރުކުރުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

އެ ޕްލޭންގައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެވިފައިވެއެވެ. އެގޮތުން މިދާއިރާއިން ރާއްޖެއިން ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތުތައް ފަހިކުރުމާއި، މިދާއިރާގެ ޓެކްނިކަލް އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ. އަދި ޑޭޓާ އެއްކުރާ އަދި ބޭނުންކުރާ ފަރާތްތަކާއި ގުޅިގެން "ޑޭޓާ އިކޯސިސްޓަމް" ނުވަތަ ޑޭޓާގެ ނިޒާމީވެއްޓެއް ބިނާކޮށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ޑޭޓާގެގުޅުންތައް ގާއިމްކޮށް ހަރުދަނާކުރުމަށްވެސް ރޭވިފައިވެއެވެ.

ދުރު ރާސްތާ ޕްލޭނުގެ ސަބަބުން، ގައުމީ ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާވެ އިތުބާރުހުރި ތަފާސްހިސާބުގެ މިންވަރު އިތުރުވެ އޭގެ އަލީގައި ކަންކަން ރަނގަޅުކުރަން ބާރުއެޅިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.