ކޮވިޑް-19 ބަލީގެ އަލާމަތްތައް ފެނުނު ކަމުގައިވިޔަސް، ސުންކު ދޭން ދެކޮޅު ހަދަމުންދާ މައްސަލަ ފާހަގަވެފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި އެ ސެންޓަރުގެ ބައްދަލުވުމެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަލާމަތްތައް ހުންނަ މީހުންވެސް ސުންކު ނުދޭ މައްސަލަ ކަމަށެވެ. ޑރ.. އަފްޒަލް ވަނީ ވޭދަނަތައް މަދު ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

"އެހެންކަމުން ތިބޭފުޅުން މިފަދަ ބައްޔެއް ކޮންޓްރޯލް ކުރުމާއި ބަލީގެ ހާލަތުން މުޅި ގައުމު އަރައިގަތުމަށްޓަކައި ފަރުދީގެ ޒިންމާއެއް ވަރަށް ބޮޑު ބައެއް ވޭ، މި ދަނޑިވަޅަކީ ހަގީގަތުގައި މި ވޭދަނަތައް މި އޮތީ ވަރަށް ބޮޑަށް މަދުކޮށްލެވިފައިތާ، އެއަށްވުރެވެސް މަދުކޮށް ޒީރޯ ލެވެލްއަކަށް، ނޫނީ އެންމެ ދަށް ހިސާބަކަށް ދެވޭނީ އެންމެންގެ އެއްބާރުލުމަކާއި އެކީގައި" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބަލީގެ އަލާމަތްތައް ހުރި މީހުން ސުންކު ދިނުން އެދޭ ކަަމަށާއި، ވަކި ތަރުތީބެއް ނެތި ސުންކު ނަގާއިރު، އެކަމުގައި ބައިވެރިވާންވެސް އެދޭ ކަމަށެވެ.

ޑރ. އަފްޒަލްވެސް ވަނީ ފައްސިވިމީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސައްހަ މައުލޫމާތު ނުދޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައުލޫމާތު ދިނުމަށް އެދޭ ކަމަށާއި،ކުރިއަށް ފިޔަވަޅުތައް އަޅަން އެނގޭނީ އެ މައުލޫމާތުތަަކަށް ބިނާ ކޮށް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

"ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމެއް ކަންނޭނގެ، މިދެން މާބޮޑު ކަމެއް ނޫނޭ، ހަގީގަތުގައި ކޭސްތައް މެއިންޓެއިން ކުރެވިފައި ހުންނަ ދަނޑިވަޅެއްގައި އެހެން ހީވެދާނެ، ހަގީގަތަކީ ކޭސްތައް އިތުރުވެ، ކުރިން އޮތް ހާލަތަކަށް ނަމްބަރުތައް ދިޔައީމަ އޭގެން އެނގިގެން ދާނެ މިއީ ކުރެވޭ ކުށް ހީއެއްކަން".

ޑރ. އަފްޒަލް ވަނީ މިހާރުވެސް ކަމާއި ގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ގާތުން އެއްތާވި މީހުން ހޯދުމަށް ގުޅާލުމުން ތެދު މައުލޫމާތު ދިނުން މުހިންމު ކަމަށެވެ. އެއީ ކުރިއަށް އަޅަންވީ ފިޔަވަޅު އެނގޭނީ އެކަންކަމުގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ ކަަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ތިބޭފުޅުން ދޭ މައުލޫމާތަަކަށް ބިނާވެ އަޅުގަނޑުމެންނަށް އިތުރަށް އަޅަންވީ ފިޔަވަޅުތައް މި އެޅެނީ، ތިމާ މީހާ ކޮންޓެކްޓަކަށް ވެދާނެ ކަމުގެ ބިރާއި ހެދި އެ މައުލޫމާތު ނުދިނުމުގެ ސަބަބުން ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު މި ދަނީ".

އެޗްއީއޯސީގެ އަތޮޅު ކެލަސްޓަރ ހެޑް މައުރޫފް ވިދާޅުވީ،އަތޮޅު ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އެކަށީގެންވާ މައުލޫމާތު ނުދިނުން ކަމަށެވެ. ހާއްސަކޮށް ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތަށް އެންމެ ފުރިހަމަ މައުލޫމާތު ނުލިބޭ ކަން މައުރޫފް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ކީއްކުރާ ސުންކެއް ކީއްކުރާ ސޮންޏެއް ބަލީގެ އަލާމާތް ހުރެފަ ޓެސްޓް ނުކުރާނަމަ ޖަލުގަ ކުޑަ ގޮޅިއެއް ހަދާ އެތަނުގަ 1 މަސްދުވަހު ބަހައްޓާގޮތަށް ގާނޫނުފާސްކޮށް އަމަލުކޮށްލީމަ ނިމުނީ.

  2. މަބުރޫ

    ނުދޭނަން ދެން ލަލަލާ