ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައިވެސް ދެމުންގެންދާ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހް ނުވަ މަހަށް އިތުރުކޮށްފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިހެން ވިދާޅުވީ، މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި އިމިއުނިޒޭޝަން ޕްރޮގްރާމް ހައްވާ ގުރައިޝާ ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)އިން ފައިޒާ ވެކްސިންގެ މުއްދަތު ހަަމަވާ ތާރީހް ނުވަ މަހަަށް އިތުރުކޮށްފައިވާ ކަން އަންގާފައިވާ ކަމަށެވެ.

"ވެކްސިންގެ އެކްސްޕަޔަރީއަކީ އެ ބޭފުޅުން ޓެސްޓު ކުރުމަށްފަހު ރާސާޗްވެސް ހަދަމުންދާ އެއްޗަކަށް ވާތީވެ، ކުރިން އިންނަނީ ހަ މަސް ދުވަސް، އެހެން ނަމަވެސް ނުވަ މަހަށް ބެހެއްޓުމަށްފަހު ޓެސްޓު ކުރިއިރުވެސް އޭގެ އެފެކްޓިވްނެސް ހުރިކަމަށް ފާހަގަކުރެވޭތީވެ، އޮފިޝަލީ އަންގަފައި ވަނީ".

ގުރައިޝާ ވިދާޅުވީ، މިހާރު ރާއްޖޭގައި ހުރި ފައިޒާ ވެކްސިން އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ގުރައިޝާ ވިދާޅުވީ، ފައިޒާ ވެކްސިންއަކީ 12 އަހަރުން މަތީގެ މީހުންނަށް ޖެހޭ އެއްޗަކަށްވުމުން 12 އަހަރު ފުރިފައިވާނަމަ މިލިންކް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުމަށްފަހު ވެކްސިން ސެންޓަރު ތަކުން ވެކްސިން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ދެމުން ގެންދަނީ އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށާއި، މާބަނޑު މީހުންނަށާއި، ހާއްސަ ބަލިތަކުގެ މީހުންގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށެވެ.

ގުރައިޝާ ވިދާޅުވީ، ރާއްޖޭގެ ނުވަ ރަށެއް ފިޔަވަ ހުރިހާ ރަށަކުން ވެކްސިން ކަވަރޭޖް 90% އަށްވުރެ މައްޗަށް ފުރިހަމަކޮށްފައިވާ ކަަމަށެވެ.