ދައުލަތުން އިތުރަށް ފައިސާ ޗާޕު ކުރަން ނިންމުމާއި އެކު ސިޔާސީވެރިންގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތު ވުންތަކެއް ވަނީ އުފެދިފައެވެ. މިގޮތުން އިދިކޮޅުން އެކަމާއި ދެކޮޅު ހަދާއިރު އެމްޑީޕީ އިން އެކަމަށް ތާއިދު ކުރެއެވެ.

ވެރިކަން ކުރަމުން އަންނަ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީ އިން ފައިސާ ޗާޕު ކުރަން ތާއިދު ކުރި ނަމަވެސް، އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ މިކަމާއި ދެކޮޅު ހައްދަވާފައެވެ. މިގޮތުން އެންމެ ގިނަ މެމްބަރުން މިކަމާއި ދެކޮޅު ހެއްދެވީ ބޮޑުތިލަދުންމަތިންނެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު - ފޮޓޯ: މަޖިލިސް

ބޮޑުތިލަދުންމައްޗައް ނިސްބަތްވާ ޖުމްލަ 5 މެމްބަރަކު އެމްޑީޕީ އާއި އެއްކޮޅަށް ވޯޓު ދޭން ދެކޮޅު ހެދިއިރު މީގެ ތެރެއިން 4 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ. މި 4 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދުގެ އިތުރުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލް ހަކީމް އެވެ. މީގެ އިތުރުން ދެން ހިމެނެނީ ނޮޅިވަރަމް ދާއިރާގެ މިނިވަން މެމްބަރު މުހައްމަދު ނަޝީދެވެ. މިއިން އެއްވެސް މެމްބަރަކު ވޯޓު ދީފައެއް ނުވެއެވެ.

މި މެމްބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާ އާއި ކަނޑިތީމު ދާއިރާ އިން ވަނީ އެރަށުގައި ސަރުކާރުން ހިންގުމަށް ނިންމަވާފައިވާ ޕްރޮޖެކްޓުތައް އެންމެ އެދެވޭ ގޮތެއްގައި ހިނގަމުން ނުދާކަން މީގެ ކުރިން ފާހަގަކުރައްވާފައެވެ. މިގޮތުން އިހަވަންދޫގައި ސަރުކާރުން ހިންގަން ފެށި ޕްރޮޖެކްޓުތައް ނިމިފައި ނުވާކަމަށް ބުނެ އެރަށު ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު ކަނޑިތީމު ދާއިރާގެ މެމްބަރު ވަނީ ބަޖެޓުގެ ބަހުސް މަރުހަލާގައި އެބޭފުޅާގެ ކަންބޮޑުވުންތައް ވެސް ފާހަގަ ކުރައްވާފައެވެ.

މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު އަދި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ - ފޮޓޯ: މަޖިލިސް

މިއާއިއެކު ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެ މެމްބަރުން ވޯޓު ނުދެއްވި ސަބަބަކީ އެރަށްރަށަށް އެންމެ އެެދެވޭ މަސައްކަތްތަކެއް ކޮށްދެވިފައި ނުވާތީ ކަމަށެވެ.

ފައިނޭންސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ އިތުރަށް ފައިސާ ޗާޕު ނުކޮށްފިނަމަ ދައުލަތުގެ ބަޖެޓު ބޮޑުތަނުން ކުޑަވެ ، ގައުމުގެ އިގްތިސާދު ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް އިދާރާ

މިކަމާއި ގުޅޭގޮތުން އިއްޔެ މަޖިލީހުގައި ނެގުނު ވޯޓުގައި 72 މެމްބަރުން ހާޒިރުވެ ތިބިއިރު އޭގެ ތެރެއިން ފެންނަަކަމަށް ވޯޓު ދެއްވީ 42 މެމްބަރުންނެވެ. ނުފެންނަކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއިރު ވޯޓުގައި 28 މެމްބަރަކު ބައިވެރި ނުވެއެވެ.

ބޮޑުތިލަދުންމަތީގެ (ހއ. އިން ނ އަތޮޅަށް) ޖުމްލަ 17 މެމްބަރަކު މަޖިލިސް ތަމްސީލް ކުރައްވާއިރު މީގެ ތެރެއިން ނޮޅިވަރަމް ދާއިރާ ފިޔަވައި ދެން ބާކީ އޮތް 16 ދާއިރާ ވެސް ތަމްސީލް ކުރައްވަނީ އެމްޑީޕީ މެމްބަރުންނެެވެ. ފައިސާ ޗާޕު ކުރަން ދެކޮޅު ހެއްދެވި މެމްބަރުންނަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން އަންނައިރު އަނެއް ބަޔަކު އަންނަނީ ރަށަށް ކަމެއް ނުކޮށްދީ، ދައުލަތުގެ ބަޖެޓު އިތުރުކުރަން ފައިސާ ޗާޕު ކުރުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ އެ މެމްބަރުން ދިފާއު ކުރަމުންކަން ފާހަގަކޮށްލެެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ފައިސާ ޗާޕް ކުރަނީ އެވެ. ކުކުޅު ބިހެއް 5 ރުފިޔާ އަށް ވެސް ބޮޑުވެދާނެ އެވެ. ޑޮލަރު އަކަށް 20 ރުފިޔާ އަށް ވެސް ބޮޑު ވެދާނެ އެވެ. އެކަމު ސިޔާސީ މީހުން ބަރާ ބަރަށް ބޮޑު މުސާރަ ނަގާނެ އެވެ.