މިއަދު ރާއްޖެ އިން އިތުރު 102 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 14 މީހުންނެވެ. ނަމަވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު ވެސް 81 މީހުން ފައްސިވިއެވެ. އަދި އިތުރު ހަތް މީހަކު މިއަދު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދު 4300 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.37 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 156 މީހުން މިއަދު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

މިހަފްތާގައި ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންނަށްވުރެ ކޮވިޑުން ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިހާރު ރާއްޖޭގައި ތިބީ 1914 ކޮވިޑް ބަލި މީހުންނެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 02 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ މަދުވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 91046 އަށް އަރާފައެވެ. ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 88871 މީހުން ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 248 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު