އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގައި މާލެ ފެހިކޮށްލާނީ މޭވާ އާއި ތަރުކާރީ ގަސްތަކާ ވެސް އެކުގައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "އެއް ލައްކަ ގަސް ޕްރޮގްރާމް" މި ނަމުގައި ހިންގާ މާލެ ފެހި ކުރުމުގެ މަޝްރޫއަކީ ސިޓީ ކައުންސިލުން އަންނަ އަހަރު އިސްކަން ދޭނެ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. މާލެއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއަށްވުމާ އެކު އެ ސިޓީގެ ވެށި ހިތްފަސޭހަ ތަނަކަށް ހެދުމަކީ ސިއްހީ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު "ވަގުތު" އާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް

"ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު ވަރަށް ދަށްކޮށް މާލޭގެ މާހައުލު، ވެށި މިއޮތީ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި ވެށި ފެހި ތަނަކަށް ހަދައިގެން ނޫނީ ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ފަސޭހަ އާއި ހިތްހަމަޖެހުމެއް ނެތެވެ. އެހެންވެ މާލެ ސިޓީ، "ފެހި ސިޓީ" އަކަށް ހެދުމާއި ސާފު، ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ހިންގާ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވީ ސިޓީ ކައުންސިލްގެ އަމާޒަކީ ކައުންސިލްގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހުރިހާ ގަސްތަކެއް އިންދުން ކަމަށެވެ. ގަސްތައް މާލޭގައި އިންދާ އިރު، ބަލާނީ ބޭނުން ކުރެވޭ ކަހަލަ ގަސްތައް އިންދަން ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް މޭވާ އަޅާ ކަހަލަ ގަސްތައް، ތަރުކާރީ ގަސްތައް. މީހުންނަށް ބޭނުން ކުރެވޭނެ ޒާތުގެ ފައިދާ ހުރި ގަސްތަކެއް އިންދޭތޯ މަސައްކަތް މި ކުރަނީ،" އައިފާން ވިދާޅުވިއެވެ.

މި ގަސްތައް އިންދާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުންނާއި ބޭރުން ހޯދައިގެން ކަމަށް ވެސް އައިފާން ވިދާޅުވިއެވެ.

މާލެ ހިތްފަސޭހަ، ރީތި ތަނަކަށް ހެދުމުގެ މަސައްކަތް ފެށިފައިވާ ކަން މުއިއްޒު ވަނީ ފާހަގަ ކުރައްވައިފައެވެ. އެގޮތުން ޕްލާސްޓިކް މަދު ކުރުމުގެ މަސައްކަތާއި މާލޭގެ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި ޑިޖިޓަލައިޒް ކުރެވިފައިވާ ޑިޖިޓަލް މާލެއަކަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަންތްރީޖީ

    މުއީޒު މިނިސްޓަރުކަމުގަ ހުރެގެން ސިންގަޕޫރު ކޮންސަލްޓަންސީ ފާމެއް ލައްވާ މާލެ ރިޑިޒައިން ކުރުމުގެ ޕްލޭންތަކެއް ހަދަން އުޅުނީމެއްނު އެކަންތައް އޮތީކިހާހިސާބެއްގަތަ

  2. ބިގް ބޮސް

    ހަމަ މުއިޒްވަރެއްނެއް.ބާރައް ކުރިޔައް

  3. ހބސ

    ސާބަހޭޭ އަދި އައްސަރިިބަަސް މުއިޒް

  4. ސަރީފް

    އަޅުގަނޑަށް ފެންނަނީ ހަނޑޫ އިންދަން. އެއީ ފުދޭވަރަކަށް ފެން އޮވޭ މަގުގައި. ތަންކޮޅެއް ފަސޭހައިން ހެދޭނެހެން ހީވަނީ

  5. އަހުމަދު

    މާޝާﷲ. ކކބކ

  6. ނަމަ

    ދެން ތިވީގޮތުން ބޮލައް ވާ ކުޑަކަމު ދާލެ ގިނަވާނެބާ