އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވުމާއެކު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް، އާއްމު ކުރެއްވި ޗެޓް ލޮގާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކޮޅު ހައްދަވައިފިއެވެ.

މަހުލޫފަށް ދައުވާކޮށްދޭން އޭސީސީން ޕީޖީއަށް ފޮނުވާފައިވާ އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަތައް ބެލުމަށް ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން މަހްލޫފް އަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވި އިއްޔެއެވެ.

ދައުވާކުރަން ފޮނުވާމާއެކު، ޓްވިޓާގައި މަހުލޫފް އާއްމު ކުރެއްވީ ކުރީގެ ނޫސްވެރިޔާ އަދި މިހާރު ޔޫތް މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދުއާ ޕީޖީ ޝަމީމްއާ ދެމެދު ވަޓްސް އެޕްގައި ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެކެވެ. އެ ސްކްރީންޝޮޓްތައް އާއްމު ކުރައްވަމުން މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރުމަކީ ކަނޑައެޅިގެން ވަރަށް ޒާތީ ނިންމުމެއް ކަން، ޝަމީމް އާއި އަޒްމޫންގެ ޗެޓްލޮގުން ހާމަވާނެ ކަމަށެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތަށް ދައުވާ ކުރުމަށް ނިންމާނީ އަޅުގަނޑު "ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް" މަހްލޫފް ލިޔުއްވާފައި ވެއެވެ. އަދި ދައުވާކުރިއަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެންމެ ފުރަތަމަ އޭސީސީން މަހުލޫފްއަށް ދައުވާކޮށްދޭން ޕީޖީއަށް ފޮނުވުމުން އޭރު އޭނާ ވިދާޅުވީ ދައުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަަމަށެވެ.

ޗެޓްލޮގުން އެނގޭ ގޮތުގައި "100 ދުވަސް" ވީއިރުވެސް މަހްލޫފްގެ މައްސަލައިގައި ގޮތެއް ނުނިންމާތީ އަޒްމޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަޒްމޫނަށް ޕީޖީ ޝަމީމް ކުރި މެސެޖެއްގައި ވަނީ "މިއީ ބޭކާރު ގޮތުގައި ފުއްޕީމަ ވާގޮތް." ކަމަށް ވިދާޅުވެފައެވެ. މިހާރު ފުލުހުންގެ ހަމްދަރުދީއެއް ވެސް ނެތް ކަމަށް ޝަމީމްގެ މެސެޖްގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ޕީޖީ ޝަމީމް އެގޮތައް ވިދާޅުވުމުން އަޒްމޫން ވަނީ "މިހާރު ނުފުއްޕައެއްނު" ކަމަށް ބުނެ މެސެޖެއް ކޮށްފައެވެ. އެމެސެޖަށް ޝަމީމް ކުރެއްވި ރިޕްލައިއެއް އާއްމުކުރި ޗެޓްލޮގްގައި ނެތެވެ.

މަހުލޫފް ލީކުކުރި ޗެޓްލޮގްއާ ގުޅޭ ގޮތުން ބަހެއް ހޯދަލަން މެސެޖެއް ކޮށްލުމުން ޝަމީމް ވިދާޅުވީ "އަޅުގަނޑުމެން ވާހަކަ ދައްކާނީ ކޯޓުގައި" ކަމަށެވެ. އިތުރު އެއްވެސް ކޮމެންޓެއް ކުރައްވަން ޕީޖީ ދެކޮޅު ހެއްދެވިއެވެ. މަހުލޫފް ވިދާޅުވާ ގޮތުންނަމަ އޭނާއަށް ދައުވާކުރަނީ ޒާތީވެގެންނެވެ. މަހުލޫފް ގެންދަވަނީ އޭސީސީއަށާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ "ދައުލަތް އޮރިއާން" ކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ވަކި ގޮތަކަށް ވޯޓް ދޭން ރިޝްވަތު ނެގި ކަމުގެ ތުހުމަތު

އޭންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން މަހްލޫފްގެ މައްޗަށް ކުރާ އެއް ދައުވާއަކީ ރިޝްވަތު ނެގި ކަމުގެ ކުށުގެ ދައުވާއެވެ.

އެއީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނެވިއިރު އޭރު ސަރުކާރާ އެއްކޮޅަށް، އެސްއީޒެޑް ބިލެއް ފާސްކުރަން އޭނާގެ އެކައުންޓަށް 33،000 އެމެރިކާ ޑޮލަރު ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާތީ ކަމަށް ބަޔާނުގައިވެއެވެ.

މި ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ޚިޔާނާތުގެ ފައިސާ ކަމުގައެވެ.

އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ.

މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.

އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

އޮޅުވާލާފައިވާ ލިޔުންތަކެއް ހުށަހެޅި ކަމުގެ ތުހުމަތު

ދޮގު ބަޔާނެއް ނުވަތަ ދޮގު މައުލޫމާތެއް ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ފޮނުވަން ނިންމީ އޭނާއަށް ލިބިފައިވާ ފައިސާގެ އަސްލު އޮޅުވާލުމުގެ ގޮތުން އެއީ އޭނާ ޑޮލަރު ގަތް މުއާމަލާތެއްގެ ގޮތުގައި ދެއްކުމަށް ލިޔެކިއުންތަކެއް ހުށަހެޅި ކަމަށް ބުނެއެވެ.

އޭސީސީން ފާހަގަކުރާ ލިޔުންތަކަކީ އޭނާ ތަހުގީގީ އިދާރާތަކަށް ފޮނުވި "ޕޭމަންޓް ރިސީވްޑް" ލިޔުމަކާއި، އެ ޑޮލަރަށްވާ ފައިސާ ނަގުދު ފައިސާއިން އެސްއޯފްއާ ހަވާލުކޮށްފައިވާނެ ކަމަށް އަންގައި މަހްލޫފް ފޮނުވި ސިޓީއެކެވެ.

އޭސީސީން ފާހަގަކުރާ ގޮތުގައި މި ލިޔެކިއުންތަކުގައިވަނީ ހަގީގަތް އޮޅުވާލުމުގެ ގޮތުން މަހްލޫފް އެ ފައިސާ ނެންގެވީ ޑޮލަރު ގަންނަން ކަން ތަހުގީގަށް ދެއްކުމަށް ޓަކައި ކަން ތަހުގީގަށް އެނގިފައިވާ ކަމުގައެވެ.

މީގެ ކުރިން ވެސް ދިފާއުވާން މަހްލޫފް ދެއްކެވީ މި ވާހަކައެވެ. އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ލިބިވަޑައިގެންނެވި ފައިސާ ކަމަށާއި އެއީ ޚިޔާނާތުގެ ފައިސާ ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމުގައި މަހްލޫފް ވިދާޅުވަމުން ގެންދެވިއެވެ. ގާނޫނުލް އުގޫބާތުގައިވާ ގޮތުން، މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    އުންސަރުތައް ވިހާނީ ކޯޓުގައި

    24
  2. ކޮރަލް

    ޑްރަގް އެތެރެ ކުރާ މީހުން ވ ފަސޭހައިން ދޫވެ އެވެ.

    23
    • Anonymous

      ޑްރަގް އެތެރެ ކުރާ މީހުން ވ ފަސޭހައިން ދޫވެ އެވެ

      11
  3. އިސްޢާފް ސަލީމް

    މި ވެރިކަމަކީ ދޮގުވެރިންނާއި ވަގުންނަށް ތާޖުދީ ތެދުވެރިން އުލުބާންދާ ވެރިކަމެކެވެ.

    19
  4. ގިގުނި

    މިގުޅިއަދިވެސްނުފުރޭ

    15
  5. އައްލާބެއްޔާ

    ޝަމީމު،ޖާމިއުލްއަޒުހަ ރުންތައުލީމުއުގެނިގެންހުއްޓަސް
    ނުބައިވެގެންނުކޮއްދޫކޮއްލާނެއެއްވެސްކަމެއްނޮއޮންނާނެ

    14
  6. Anonymous

    ޑްރަގް އެތެރެ ކުރާ މީހުން ހަމައެކަނި ވ ފަސޭހައިން ދޫވެވެނީއެއްނޫން އެމީހުންނާއި މިކޮޅުން ގުޅިފައިވާނެ ބަޔަކު ތިބޭނެކަންޔަގީން އެންނަމަވެސް އެމީހުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރޭ، މިއީވެސް ސުވާލު އުފެދެންޖެހޭ މައްސަލައެއް!!

    16
  7. Anonymous

    ޑްރަގް އެތެރެ ކުރާ މީހުން ހަމައެކަނި ވ ފަސޭހައިން ދޫވެވެނީއެއްނޫން އެމީހުންނާއި މިކޮޅުން ގުޅިފައިވާނެ ބަޔަކު ތިބޭނެކަންޔަގީން އެންނަމަވެސް އެމީހުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރޭ، މިއީވެސް ސުވާލު އުފެދެންޖެހޭ މައްސަލައެއް!! ޙަމައެކަނީ އެތެރެކުރާ މީހާ ނުވަތަ އެއާޕޯޓން ހިފަހައްޓާ މީހުންގެ ޙަބަރު އަންގަނީ، ޛަބަރުގެ އެއްފަޅި ހާމަކުރުމުން ނުފުދޭނެ ދޮތެ؟؟،

  8. Anonymous

    މިއީ ރައްޔިތުންލޮލަށް ދަޅަދައްކަން އުފުލި ދައުވާއެއް، ރީލޯޑްމަހޭހުރީ މި ޕްރޮސިކިއުޓާވެސް ރީލޯޑުކޮށް ފުރާލާފަ، މި ޕްރެސިކިއުޓާ އިރުކޮޅަކުން އަންގާލާނެ އުންސުރު ހަމަނުވެއޭ، އެހިސާބުން އެނިމުނީ

    15
  9. ސަލާމްވަަ

    އަސްލު މިހާރު ޝަމީމް އަދި ސީޕީ ހަމީދުވެސް މަގާމުން ދުރުވާން އެބަޖެހޭ. ވަރަށް ބައިވަރު އިލްޒާމް މީހުން އަޅުވާއިރުވެސް އެދެވޭ ތަފްސީލެއް އެއްކަމެއްގައިވެސް ނުދީ މަގާމުގައި ދެމިތިބުމުން ނަޒާހަތްތެރިކަމާއި މެދު ސުވާލުއުފެދޭ.

    16
  10. އަޙްމަދު

    މަހްލޫފް ބުނިހެން ވަރަށް ޒާތީ މީހެއްމިއީ! އެހެރީ ވާހަކަ ހުންނަގޮތް!

  11. ބަބޫ ގެ އެކުވެރި ބާނބޫ

    މުއްތަހާނުގެ މާނަ އަކީ ކޮބާ؟ އެހެން ނޫހަކަށް ވެސް ކޮމެންޓް ކުރެވިއްޖެ. ޖަވާބެއް ލިބޭ ގޮތެއް ނުވެ.
    ސަމީމް ނަމަވެސް ވެއްޖެއެއްނު މުއްތަހާމުންގެ މާނަ ބުނެދޭން. /-: