ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން އެދެމުން ދިޔަ ގިނަ ކަންކަން ނުވުމުން ކަމަށާއި، މިހާރު ކަންކަން އަނެއްކާ ވެސް ހާސިލްވާން ފެށުމުން ފާޑުވިދާނުވެ ހުންނެވީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ބޮންޑެ ރޭ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮތަސް، އެ ޕާޓީގެ އާންމު މެންބަރުން ސަރުކާރަށާއި ރައީސްއަށް ފާޑުކިޔަން ޖެހޭ ހާލަތްތަކުގައި ފާޑުވެސް ކިޔާނެ ކަމަށެވެ. ބޮންޑެ ސިފަކުރެއްވީ އެއީ ޑިމޮކްރެޓިކް ހަމައެއްގެ ގޮތުގައެވެ.

ރައީސް ސޯލިހްގެ ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު ބޮންޑެގެ ކަންބޮޑުވުމަކަށް އޮތީ މާލެ ރައްޔިތުންނަށް ގޯތި ނުދެވޭ މައްސަލަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. 1،000 އަކަފޫޓުގެ 5،000 ގޯތި މާލެ ރައްޔިތުންނަށް ހަމަޖައްސާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވުމުން ފާޑުވިދާޅުނުވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް މިދޭތެރެއިން ސަރުކާރަށް ފާޑުކިޔަމުން ދިޔައިން ދޯ، މިހާރު މާލެ ރައްޔިތުންނަށް 5،000 ގޯތި ކަނޑާފައި ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވީ، މިހާރު ފާޑުނުކިޔަން، ކަން އޮތް ގޮތަށް ދޯ ބުނަން ވާނީ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ މިފަދަ ބައެއް ޚިޔާލުތަފާތުވުންތައް އަބަދުވެސް އެމްޑީޕީގެ އެތެރޭގައި އޮންނަ ކަމަށެވެ. އެކަމަކު އެފަދަ ކަންކަމުން ޕާޓީ ރޫޅި ދެބައިވެގެން ދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގައި މިހާރު ދެ ފެކްޝަންއެއް އޮވެއެވެ. އެއީ ރައީސް ސޯލިހްގެ ފެކްޝަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންއެވެ.

2023 ގެ ރިޔާސީ އިންތިޚާބަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. ވާދަކުރައްވާނެ ކަމަށް ރައީސް ވިދާޅުނުވި ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭނެ ކަމުގައެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން، ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަން ވެސް ނަޝީދުއާއި އެމަނިކުފާނުގެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ލައްކައަށް ވުރެ ގިނަ މީހުން ސޮއި ހަމަކޮށްފައިވާ ކަމަށް ވެސް ވެއެވެ.

މި ކަމުގައި ވެސް ރައީސް ވަކި ފަޅިއެއް ނަންގަވައިގެން ވާހަކަ ނުދެއްކެވި ނަމަވެސް، އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޯ ބޮންޑޭ ސޯލިބޭ އެއީ ހުރިހާ ކަމެއް ދުލުންކުރާ މީހެއް މިހާރު ތިއޮތީ ގޯތި ދީ ނިންމާފަ ދެން ބޮންޑޭ ބާރަށް އަތްޖަހާ

    22
  2. ެެދސފސ

    ހަމަ ބިމަށް ތިރިކުރީދޯ

    22
  3. އަޙްމަދު

    ކާލޭއަށް ހީވީ ރައީސް ސޯލީހް ކަލޭމެންކޮޅަށްއަރާ ބަރުލާމާނީ ގެންނަން އުޅޭހެން!

    19
  4. ޑައެލޯގް

    އެމްޑީޕީ ގޯތިދިންކަމަށް މަބަލާނީ އަމިއްލަމަސައްކަތުން ހިއްކައިގެންދޭ ގޯއްޗަށެވެ. ޔާމީން ހިއްކިތަނަކުން ގޯއްޗެއްދިނަސް ދިންކަމަކަށް މަށެއްނުބަލާނަމެވެ. އެއީ ކޮވެލި ކާޅުހާއްޔަށް ބިސްއަޅާއުސޫލެވެ.