މާލޭގެ މަސް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އެއް އިމާރާތަކަށް ބަދަލު ކުރުމުގެ މަޝްރޫއެއް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އެ އިމާރާތް އެޅުމަށް ނިންމާފައި ވަނީ މިހާރު ލޯކަލް މާރުކޭޓު ހުރި ބިމުގައި ކަމަށެވެ. އެ ތަނުގައި އިމާރާތެއް ހަދައި، ހުރިހާ މާރުކޭޓެއް އެތަނަށް ބަދަލު ކުރަން މަސައްކަތް ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ލޯކަލް މާރުކޭޓު. --- ވަގުތު އިމޭޖަސް

"އެ ތަނުގައި ތިން މާރުކޭޓު ލާފައި މާލޭގެ މަލަމައްޗަށް ރީތި، ހިތްގައިމު އިމާރާތެއް ގޮތަށް އެތަން ޑިޒައިން ކުރެވި، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އަމަލީ މަސައްކަތް (ފެށޭނެ). ފަހަރެއްގައި (އެތަން) ނުނިމިދާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަމަކީ ވެސް މާލޭގެ ތިން މާރުކޭޓު އެއް އިމާރާތަކަށް ބަދަލު ކުރުމެވެ.

މީގެއިތުރުން މާލޭގެ މިސްކިތްތަކަކީ ވަރަށް ރީތި، ސާފުތާހިރު ތަންތަން ގޮތުގައި ބެލެހެއްޓުމާއި ހަލާކުވެފައިވާ ޕާކްތަކާއި މައިޒާންތައް ހެދުން ފަދަ މަސައްކަތް އަންނަ އަހަރު ހިނގާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަޅޯމަސް މާރުކޭޓުގެ ތެރެއިން --- ވަގުތު އިމޭޖަސް

މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކާއި ޕާކްތައް މަރާމާތުކޮށްދޭނެ ޓެކްނިކަލް ޓީމުތައް ހޯދަން ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށްފައެވެ. މުއިއްޒު ވިދާޅުވި އެގޮތަށް އިއުލާން ކުރަން ޖެހުނީ ސީމަނުންނާއި ކާޕެންޓަރުންނާއި ވެލްޑަރުން ފަދަ މީހުން ސިޓީ ކައުންސިލްގައި ނެތީމައެވެ.

"އެހެންވެ އަޅުގަނޑުމެން ބޭނުންވޭ އިއުލާންކޮށްގެން މީހުން ނަގައިގެން އަޅުގަނޑުމެންގެ މަސައްކަތްތަކަށް ޑިޕްލޯއީ ކުރަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއިން ކޮންމެ ކަމަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސަރުކާރާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަނީ ކަންކަން ރަނގަޅު ކުރެވޭތޯ ކަމަށާއި އޭނާ އަބަދުވެސް ހުންނެވީ ފައްސި ވިސްނުމެއްގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ޕޮޒިޓިވް ގޮތެއްގައި މަސައްކަތްކޮށް މާލޭގެ ރައްޔިތުންނަށް ބޭނުންވާ ޕްލޭންގައި ހުރި ގިނަ ކަންކަން ކުރިއަށް އޮތް އަހަރު ތެރޭގައި ނިމިދާނެ. ހަ މަސް ތެރޭގައި ވެސް އެބަހުރި ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކުރެވިފައި،" މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުސްކުޅިން

  ތިންމާރުކޭޓު އެއްވީމާ ތިތަން ހުންނާނީ ވަރަށް ބުރިބުބރިޔައްހިއްލިފައިތާ. އަހަރުމެން ދުވަސްވީމީހުންނަށްމޭވާކޯނިއައް އަތްފޯރާނެބާ

  8
  2
 2. ބިގް ބޮސް

  އަތްފޯރާ މޭވާކޯނިވެސް ހުންނާނެ އޭރުން ރަގަޅުވާނެންނު.

  4
  2
 3. ލޮންސި

  ވަރަށް ރަނގަޅުކަމެއްކަމަށްފެނޭ. ތިންމާރުކޭޓް އެއްކޮށް އަޅާއިރު، ރޯމަސް މާރުކޭޓް އެދިމާލުން ކަނޑުތޮށިން ބޭރު މޫދުގައި ތަނަބުޖަހައިގެން ހަދާލައިފިނަމަ ވަރަށް ފުރިމަހަވާނެކަމަށް ފެނޭ.

  13
  2
 4. ހުސައިން

  ރަނގަޅު ސަރަހައްދަކަށް ވުމުން ފަންސަވީހަކަށް ބުރިއަށް ނަގަންވީ ނޫންތޯ