ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން، ލީކުވެފައިވާ، އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ އޯޑިއޯގެ ތަހުލީލުގެ ނަތީއްޖާ އާންމުކުރުމަށް އިދިކޮޅު ކޯލިޝަނުން ފުލުހުގައި އެދިއްޖެއެވެ.

ގާޒިންގެ އޯޑިއޯ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފަށައި ގާޒީންގެ އަޑުގެ ސާމްޕަލް ނަގައިގެން އެ ތަކެތި ފުލުހުންނާ ހިއްސާކުރިއެވެ. އެ ތަކެތި ތަހުލީލު ކުރަން ފުލުހުން ވަނީ ތަޖުރިބާ ހުރި އަމިއްލަ ފަރާތަކާއި ހަވާލުކޮށްފައެވެ.

އެ ފަރާތުން ކުރި ތަހުލީލުތަކުގެ ނަތީޖާ ލިބުމުން، ޖޭއެސްސީއިން ވިދާޅުވި ގޮތުގައި އަޑުތައް ދިމާވަނީ އޯޑިއޯތަކުގައި ހިމެނޭ ތިން ގާޒީގެ ތެރެއިން ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އެކަނި ކަމަށެވެ. އެއަށް ފަހު އެ ގާޒީ ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ޔާމީންގެ އިސްތިއުނާފްގެ މައްސަލާގައި ހުކުމް، މި މަހުގެ 30 ވަނަ ދުވަހު އިއްވާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންނަށް އެންގުމާއި ގުޅިގެން އޯޑިއާތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދަން އިދިކޮޅުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްއާ ބައްދަލުކުރައްވާފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އަދި ޕީޕީއެމް/ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު "ވަގުތު"އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، އޯޑިއޯގެ ތަހުލީލު ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށް ރިޔާޒް ވިދާޅުވި ކަމަށެވެ. އަދި ރިޕޯޓް ހިއްސާކުރެއްވުމަށް އިދިކޮޅުން އެދުމުން، އެކަން ކުރައްވާނީ ޖޭއެސްސީއާ ހިއްސާ ކުރެއްވުމަށް ފަހު ކަމަށް ރިޔާޒް ވިދާޅުވެފައިވާ ކަމަށެވެ. ޔާމީންގެ ޝަރީއަތުގެ ކުރިން އެކަމަށް ރިޔާއަތް ކުރައްވާނެ ކަމަށް ރިޔާޒްއާ ހަވާލާދެއްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

"ކަނޑައެޅިގެން އޭގެ އޮތީ އެ މީހުންގެ އަޑެއް ނޫނެކެ ރިޔާޒް ވިދާޅެއް ނުވެ. ވިދާޅުވީ ވަގުތު ޖެހުނީމާ ހާމަކުރައްވާނެ ކަމަށް" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

މި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ނިންމާލިއިރު، ދެން އޮންނާނީ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވާ އަޑުއެހުމެވެ. ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ދަނީ މި މަހުގެ ނިޔަލަށް އެ ކަމުގައި ހުކުމެއް އިއްވުމަށެވެ. އެ ކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒު ކުރަން ފަސްކުރަން އަމުރެއް ނެރެފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މީގެ އިތުރުން އިއްޔެ ވަނީ ވ. އާރަށުގެ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަޒު

  ޙުކުމެއް ކުރެވިދާނެ އިނިލްޙުކުމް އިއްލާ ބިއްލާހި

  4
  1
 2. މަވެސް ރައީސް ޔާމީން

  މި މަހުގެ 30 ވަނަ ދުވަހު ރައީސް ޔާމީނުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރާ ހުކުމުން އެމަނިކުފާނަށް ކާމިޔާބާއި ނަސްރު މިންވަރު ކުރައްވާންދޭވެ. އާމީން

  #FreePresidentYameen

  12
  2
 3. ކެޔޮޅު

  ހަމަމިބީދައިން ސޯލިހާދެކޮޅަށް ދައުވާކުރެވޭނެކަމާއި ކަޅުދަބަހުގެ ހަގީގީ މައުލޫމާތު ދަންނަ މީހަކު މިހާުވެސް ހެކިދޭއިރު އެކަންތަފުސީލުކޮށް ބަލާފިޔަވަޔު އަޅާނެކަން ވެރިކަމުގަ މިހިރަމީހާއަށް ނުވެސްއެނގޭތީ ހައިރާންވަމެވެ .

  10
  1
 4. ކޮވިޑު

  ވެންޓިލޭޓަރ ގެނައުމުގެ ހުރިހާކަމެއް ހިންގީ ސާލިހުގެބެއްލެވުމުގެދަށުން އެމަނިކުފާބު ވިދާޅުވިގޮތަކަށް ކުއްވެރިވީ ހެލްތުގެ ނިކަމެތިދެ މުއަޢްޒަފަކު އިއްޒަތްތެރިޔާ ފިލައިހުންނެވީ ޔާމީނުގެ މައްސަލައާ ކަންވެގެންދާގޮތް ދެކިބަލަ ރޭވުމެއް