ދީބާޖާ ކުންފުންޏަށް ބަދަލު ނަގައި ނުދިނުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މި ޝަރީއަތް ފަށައި، ހުކުމް ކުރުމުގެ އަޑުއެހުމުގެ ކުރިން ބާއްވަން ޖެހޭ އަޑުއެހުންތައް ނިންމާލައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ދިޔައީ ފަނޑިޔާރުންގެ ސުވާލުތަކަށް ދެ ފަރާތުން ޖަވާބު ދިނުމާއި، ދެ ފަރާތުން ޚުލާސާ ބަޔާން ދިނުމެވެ. ޚުލާސާ ބަޔާނަކީ ހުކުމް އިއްވުމުގެ މަރުހަލާގެ ކުރިއަށް އޮންނަ މަރުހަލާއެވެ.

ފަނޑިޔާރުންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައި ވަނީ އެއްބަސްވުން ގާނޫނާ ޚިލާފަށް ބާތިލް ކުރި ކަމަށް ދީބާޖާއިން ފާހަގަ ކުރާ ނުކުތާތަކާއި، ގާނޫނާ ޚިލާފަށް ނޫން ކަމަށް ދައުލަތުން ފާހަގަ ކުރާ ނުކުތާތަކާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއިން ހުށަހަޅާފައިވާ ހިސާބުތަކާ ގުޅޭ ގޮތުންނެވެ.

މި ސުވާލުތަކުގެ ޖަވާބުގައި ދީބާޖާގެ ވަކީލުން ވިދާޅުވީ، އެއްބަސްވުން ބާތިލް ކޮށްފައި ވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިއަށް ދޭން ޖެހޭނެ ކަމަށް އޭގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި ކަމަށެވެ. އަދި އެއްބަސްވުން ބާތިލް ކުރުމުގެ ކުރިއަށް ކުރަން ޖެހޭ މަޝްވަރާތަކާއި އޭގެ ކުރިއަށް އެއްބަސްވުން މުރާޖައާ ކުރަން ޖެހޭތޯ ބަލަން ރިވިއު ކޮމިޓީއެއް ނަގައިގެން ކުރަން ޖެހޭ ކަންކަން ވެސް ކޮށްފައި ނުވާ ކަމަށް ދީބާޖާގެ ވަކީލުން ވިދާޅުވިއެވެ.

މީގެ ރައްދުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ އެއްބަސްވުން ބާތިލް ކުރެވޭނެ ދެ ހަމައެއް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެއިން އެއް ހަމައަކީ "އިމޭޑިއޭޓް ޓާމިނޭޝަން" ގެ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތެވެ. އޭގައިވާ ގޮތުން، އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި އަދި ދެން އޮތް ހަމާގައި ބަޔާން ކުރާ މަރުހަލާތައް ފުރިހަމަ ކުރުމެއް ވެސް ނެތި ބާތިލް ކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ އެ ނުކުތާއަށް ދީބާޖާއިން ވެސް ރައްދު ދެއްވިއެވެ. ދީބާޖާގެ ވަކީލުން ވިދާޅުވީ އެ މާއްދާގައި ވެސް ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ބަޔާން ކޮށްފައި އޮތް ކަމަށާއި އެހެންވިޔަސް ދައުލަތުން އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރީ ކަމަށެވެ. ދައުލަތުން ވިދާޅުވަނީ، އެއްބަސްވުމުގައިވާ ޚިދުމަތްތައް ދެމުން ނުދާނަމަ، އެ މާއްދާގެ ދަށުން ނޯޓިސް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރަން ޖާގަދޭ ކަމަށެވެ.

ދެ ފަރާތުން ވެސް ޚުލާސާ ބަޔާން އިއްވައި ނިންމެވުމުން، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، ދެން މި މައްސަލާގައި އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ކަމަށެވެ. އޭގެ ކުރިއަށް ކަމެއް ސާފު ކުރަން ޖެހޭނަމަ އިދާރީ އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ތާރީޚެއް މިއަދު ނުދެއްވައެވެ.

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދެވެ. ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ދީބާޖާ މައްސަލާގައި ކަން ހިނގި ގޮތް:

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. ސިވިލް ކޯޓުގެ ހުކުމް އެގޮތަށް އައީ ދީބާޖާ އިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ނަގައި ދިނުމަށް އެދިފައިވަނިކޮށެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް ނިންމެވިއެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

މި މައްސަލައިގެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ އައިސް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ބަންޑާރަ ނައިބު ހާޒިރު ކުރުމަށް ފަހު އެ ކޮމިޓީން ވެސް އެ ގޮތަށް ލަފާ ދިނުމުންނެވެ.

މި މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމަށް ރުޖޫއަވެ ދީބާޖާއިން ބޭނުންވާނަމަ އަލުން އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    މިސަރުކާރު ވެރިކަމަށް އައިސް އެޓަނީން ބަދަލު ހޯދާދިނުމަށް ދައުވާކުރާފަރާތާ އެއްކޮޅަށް ވަކާލާތު ކޮށް ފައިސާހޮދާދިންކަމަށް ތުހުމަތު ކުރެވޭ، ދަރުރުފަތުރުގެ އެއްބަސްވުނަ ބާތިލްކުރީ ދަތުރު ނުކުރާތީ. މިމީހުންވެރިކަމަށް އައިސް ފައިސާދޭނެކަމަށް ބުނެ ކޯޓަށް ފޮނުވީކަމަށްވެސް ތުހުމަތު ކުރެވޭ،

  2. ވަގުން

    މިސަރކާރު ނަމުން ޒީރޯ ޓޮލެރެންސް. އެކަމް ހަތަރަސްފައިން ކަނީ ހަމަ ކާ މީހުން. 32 ރަށެއްގެ ފެނާ ނަރުދަމާ ކަންކަމަށް 150 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުކޮށްލި (އިލްޔާސް ލަބބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދިނީ) . ކޯޓުގައި މިހާރުވެސް އެމައްސަލަ ހިނގަމުންދަނީ. ހުރިހާ ގޮތަކުން ޝަރުތު ހަމަވާ ކުންފުނިތައް ބިޑު ކުރި މާ އަގުހެޔޮކޮށް ކުރަން. އެނގޭތީ މިބުނެލީ.. ނަންވަނީ ޔާމީން