މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10،000 މެމްބަރުން ހަމަކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން އެމްއެންޕީ ރަޖިސްޓްރީ ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެމްއެންޕީގެ ރައީސް، ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އެމްއެންޕީއަށް 10،000 މެމްބަރުން ހަމަ ކުރުމަށް މަސައްކަތް ކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީ އުފެއްދުމުގެ މަގްސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހްތިޔާރާއި ހައްގުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމެވެ.

އެމްއެންޕީއަކީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ 11 ޕާޓީގެ ތެރެއިން މިހާރު ހަތަރު ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން ތިން ވަނައިގައި އޮތީ ޖުމްހޫރީ ޕާޓީއެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީގެ މެމްބަރުންގެ އަދަދު ދާދި ފަހުން 20،000 އަށް އެރި ކަން ހާމަކޮށްފައެވެ.

އެމްއެންޕީއަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ރިޓަޔާޑް) އިސްވެ އުފައްދާވާ ޕާޓީއެކެވެ. އެ ދެބޭފުޅުންގެ އިތުރުން އެމްއެންޕީގައި ދެން ހިމެނެނީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

އެމްއެންޕީން އަމާޒު ހިފާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށެވެ. ނަމަވެސް ޕާޓީން ނެރެނީ ކޮން ކެނޑިޑޭޓެއް ކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ އެ ޕާޓީއަކީ "އެކަކު ވަށާ އެނބުރޭނެ" ޕާޓީއެއް ނޫން ކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް "ފުދުންތެރި" ދިރިއުޅެއް ހޯދައި ދިނުމަކީ އެ ޕާޓީގެ އެންމެ މުހިއްމު އެއް އަމާޒެވެ. ރާއްޖޭގައި ތިބި ބޭރުގައުމުތަކުގެ ސިފައިން ބާލުވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.