އައްޑޫ ސިޓީ ހިތަދޫ ހިމެނޭހެން ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ.

ހިތަދޫގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލު ކުރި އިތުރު ރަށްތަކުގެ ތެރޭގައި ހިމެނީ ބ. ކެންދޫ އާއި ދަރަވަންދޫއެވެ.

ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، މި ޕްރޮޖެކްޓްގެ ދަށުން ހިތަދޫގެ ހުޅަނގުފަރާތުން 570 މީޓަރގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންތެއް ގާއިމް ކުރާނެއެވެ. އަދި 15*50 މީޓަރުގެ ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. އަދި 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމް ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 11 މިލިއަން ރުފިޔާއެވެ.

ކެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި 17 ބްރޭޚްވޯޓަރ ގާއިމް ކުރާނެއެވެ. އަދި ދެ ގްރޮއިން ގާއިމް ކުރުމުގެ އިތުރުން، 80 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖަހާނެއެވެ. އަދި 20*40 މީޓަރުގެ ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 39 މިލިއަން ރުފިޔާއެވެ.

ދަރަވަންދޫއަށް ބަލާއިރު، އެރަށު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހަތް ބްރޭކްވޯޓަރ އަދި 96 މީޓަރުގެ ރިވެޓްމެންޓެއް ޖަހާނެއެެ. އަދި އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަނދި ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 22 މިލިއަން ރުފިޔާއެވެ.

އެ މިނިސްޓްރީން ބުނީ މި ތިން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާއެކު ރަށް ގިރާ މައްސަލަ ހައްލުވެގެން ދާނެއެވެ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Alibe

    13 އަހަރުން ނުގެނެވުނު ތަރައްޤީ ގެނުވާނެ ވަރުގެ ވެރިއަކު ދަރަވަންދޫ ކައުންސިލް ރައީސަކަށް މިފަހަރު ހޮވާފަ ހުންނާނީ، ސާބަހޭ ކައުންސިލް ރައީސް.