މިރޭ އަދާލަތު ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، އިބޫ ވާހަކަ ދައްކަވަނީ- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް
އިބޫ ވާހަކަ ދައްކަވަނީ- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އިދިކޮޅު ރަނިންމޭޓު މިއަދު ކަނޑައަޅާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ ވިދާޅުވީ، މިއަދު މެންދުރުކުރިން ކޯލިޝަންގެ އިސްވެރިން ބައްދަލުވުމުގައި ކޯލިޝަންގެ ރަނިންމޭޓަކު ފައިނަލް ވެގެން ދާނެކަމަށެވެ.

"ކޯލިޝަންގެ ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވޭ ބޭފުޅަކަށް އެބޭފުޅަކު ވެގެންދާނެ ,މަގާމަށް އަންނަ ބޭފުޅަކު ވެގެން ދާނީ ގައިމު ވެސް ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެވޭނެ ގާބިލު ބޭފުޅަކަށް" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރަނިންގމޭޓް މިއަދު ކަނޑައެޅި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން ރަސްމީކޮށް އިއުލާނު ކުރުމަށް ހަމަޖެހިފައި އޮތީ ޖުލައި މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު، އަލީ ޞާލިހު ވެސް ރޭ ވިދާޅުވެފައިވަނީ ރަނިންގ މޭޓުކަމަށް އަދި އެއްވެސް ބޭފުޅަކު ހަމަޖައްސާފައި ނުވާކަމަށެވެ. އަދި، އަލީ ހުސައިން އެމަޤާމަށް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރަނިންގ މޭޓުކަމަށް އަލީ ހުސައިން ހަމަޖައްސާފައިވާކަމަށް ބުނެ، އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ބައެއް މެންބަރުން ދަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ. އޭގެތެރޭގައި އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުންވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒުވެސް ހިމެނެއެވެ.

އިދިކޮޅު ކޯލިޝަނަށް ރަނިންގ މޭޓަކު ހަމަޖެއްސުމަށް، ޖުމްހޫރީ ޕާޓީއަށް ސްލޮޓެއް ދީފައިވާއިރު، ކުރިން ރަނިންގ މޭޓުކަމަށް ހަމަޖައްސާނެކަމަށް ބައެއް ފަރާތްތަކެއް ވަނީ ބެލެވިފައިވެއެވެ. އަދި، ބައެއް ފަރާތްތަކުން ވަނީ އެކި ފަރާތްތައް އެމަޤާމަށް ގެނައުމަށް ކެމްޕޭނުވެސް ކުރައްވާފައެވެ. އެގޮތުން، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝާ އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް، ރަނިންގ މޭޓުކަމަށް ގެނައުމަށް ބައެއް ފަރާތްތަކުން ކެމްޕޭން ކޮށްފައިވެއެވެ. އެހެންނަމަވެސް، އެފަރާތްތައް، އެމަޤާމަށް ކުރުމަތި ނުލާކަންވަނީ ކަށަވަރުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ރަނިންގ މޭޓެއް، އިދިކޮޅު ކޯލިޝަނަށް ހަމަޖެއްސިކަމުގައިވިޔަސް، އެޕާޓީ އާއި ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ، ދެބަސްވުންތަކެއް އުފެދި، އެކަންތައްތައް މި ފަހުން މީޑިޔާއަށް ތިލަވެފައިވެސްވެއެވެ. ހަމައެހެންމެ، އެމްޑީޕީ އިން ކަނޑައެޅި މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް، ޖުމްހޫރީ ޕާޓީ އިން ވަނީ ފާޅުގައި ދެކޮޅި ހަދައި، ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބޫގެ ހުސްދޮގު 1

  2. ރައްޔިތުން

    ޖުލައި މަހުގެ 12 ވަނަދުވަހަކީ ރަނގަޅު ދުވަހެއް- އެމް.ޑީ.ޕީ. އާއި ޖޭ.ޕީ. އާއި އަދާލަތު ޕާރޓީ އަދި މައުމޫނުގެ އިރުޝާދު ހިމެނިގެން ނެރެވޭ ރަނިންމޭޓް ވެގެންދާނީ ރާއްޖޭގެ 95 އިން ސައްތަ މީހުންގެ ތާޢީދު ލިބިގެންދާނެ މީހަކަށް - އިންޝާﷲ

  3. މީހާގެ މޫނުމަތިން މީހާގެ ސިފަ ވަރަށް ރަގަޅަށް ސާފުވެގެންދާނެ،
    ރަނިން މޭޓް ނެރުނަސް ނުނެރުނަސް އަހަރުމެންނަށް ކޮންކަމެއް، މަގޭ ވޯޓް ރައީސް ޔާމިނަށްނޫން މީހަކަށް ނުދޭނަން އިންޝާﷲ