ފުރާނައަށް ގެއްލުމެއް ވެދާނެ ކަމުގެ ބިރު އޮތުމާއި ގުޅިގެން ހއ. ބާރަށު ސްކުލުގެ ޕްރިންސިޕް އަމްޖަދު ހުސެއިން އެހެން އަތޮޅަކަށް ބަދަލު ވެއްޖެއެވެ.

އަމްޖަދު ހުސެއިން ބާރަށު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު އަދާ ކުރައްވަމުން އަންނަނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ އޭނާ ދިރިއުޅުއްވާ ގޭގައި ޕާކު ކޮށްފައި ހުރި އޭނާގެ ސައިކަލު ރޯކޮށްލައި ގެއަށް ވެސް ގެއްލުން ދީފައެވެ. އެހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

"ވަގުތަށް" މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް ސޮފާތް މުހައްމަދު ވިދާޅުވީ، ސައިކަލު ރޯކޮށްލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތެއް އެނގިފައި ނުވާ ކަމަށާއި އެ ހާދިސާއާއި ގުޅީގެން ޕްރިންސިޕަލް އެހެން އަތޮޅަކަށް ބަދަލުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަމްޖަދު ގޮސްފައިވަނީ ށ. އަތޮޅު ބިލެއްފަހި އަށެވެ. އެހެން ނަމަވެސް އަމްޖަދު ބަދަލުވެފައިވަނީ އެރަށު ސްކޫލުގެ ޕްރިންސިޕަލެއްގެ މަގާމެއް ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަމްޖަދު އެރަށަށް ބަދަލުވީ ބާރަށުގައި އޭނާ ހުރެގެން އިތުރު ގެއްލުމެއް ލިބިދާނެތީއެވެ.

މިކަމާއި ގުޅިގެން އަމްޖަދު އަށް ގުޅާލި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާއި ބެހޭ އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ނ. އަތޮޅު ވެލިދޫއަށް އުފަން އަމްޖަދު ބާރަށް ފުރާފައިވަނީ އޭނާގެ ތިން ކުދިންނާއި އަނބިމީހާ ވެސް ގޮވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަަަހަ

    ކުށްތައް މަދުކުރެވެނީ ރަށްރަށައް އެކަށީގެންވާވަރަށް ފުލުހުން ހިދުމަތް ދެވިގެން ، ފުލުހުން ތަމްސީލްކުރާށޭކިޔާ ދެފުލުހުން އެބަތިބި ރަށްރަށުގައި ، މިކަން މިހެނެއްނުވާނެ މުޖުތަމައު މިއޮތްގޮތުން ، މާލޭގައި އެބައުޅޭ އެތައްބާވަރުބފުލުހެއް ، މާލޭގައި ފުލުހުން ގިނަވަގެން ގޮސް ކުޅިވަރުކުޅެންވެސް ބަޔަކު އެބަތިބޭ މިވަރުވީމަ ކަޑަ ، ރަށްރަށުގައި ތިބިމީހުންގެ ޚައްޤުކޮބަ