އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ގޮއިދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ 73 އިންސައްތަ ނިންމާލައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި، ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 10 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި، ގޭގޭއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި ބަހައްޓާ 2 އާރު.އޯޕްލާންޓް ބެހެއްޓުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުން ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައިވާ ކަމަށެވެ. އެގޮތުން ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.0 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތުގެ 100 އިންސައްތަ ވަނީ ނިމިފައެވެ. އަދި ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތްތަކުގެ ވެސް ބޮޑުބައެއް ނިންމައި ސީ އައުޓްފޯލް ޤާއިމްކުރުމާއި، ޕަންޕިން ލައިން އެޅުމުގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ.

ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި، ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ އަގަކީ 46,304,686.85 މިލިއަން ރުފިޔާއެވެ. މިމަޝްރޫޢު ނިމުމުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޯ

    73 އިންސައްތަ މަސައްކަތް ނިންމާލައިފި ' އަންނަ ހަފްތާގަ ނޫހަށް އަރާނެ 75 އިންސައްތަ މަސައްކަތް ނިންމާލައިފި... ދެން ގުނަން ވީ 2 ޕްރޮޖެކް ކަމަށް ދޯ؟