އައްޑޫސިޓީގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެފައިވާއިރު، މިދިޔަ އޮގަސްޓް މަހުން ފެށިގެން އެސިޓީގައި ހަލުވި ކަމާއި އެކީ ބަލި އަންނަ ފެތުރެމުންނެވެ. އޭރު ބަލި ފެތުރެން ފެށުމާއި އެކީ ބައެއް ކަހަލަ ފިޔަވަޅުތަކެއް އެޅިއެވެ. އެހެން ނަމަވެސް ބަލި ކޮންޓްރޯލް ވެފައެއް ނުވެއެވެ.

މިއަދު ކުރިއަށް ދިޔަ އައްޑޫސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ކޮވިޑް ޓާސްކު ފޯހާއި ބައްދަލުކޮށް އެ ސިޓީގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ، އައްޑޫގެ ހާލަތު ރަނގަޅު ނޫން ކަމަށާއި ކޮވިޑްގެ ނަމްބަރުތައް މިހާރު ހުރި ގޮތުން އިތުރު ފިޔަވަޅުތަކެއް ނެތި ކުރިއަށް ދިޔުން އުނދަގޫ ކަމަށެވެ.

"މިހާރު ރާއްޖޭގައި އެންމެ ގިނައިން ފައްސިވާ އެއްތަނަކީ އައްޑޫ ވަނީ ވެފައި. މިއަދާއި ހަމައަށް މި ބަލީގައި 10 މީހަކު މިވަނީ ދުނިޔެ ދޫކޮށް ގޮސްފައި" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، މިހާރު ސިޓީގައި ހަލުވި ކަމާއި އެކީ ބަލި ފެތުރޭ ކަމަށާއި ފުރަބަންދު ކުރުމުން ކޮވިޑްގެ ވޭދަނަތައް ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ވިޔަފާރިތަކާއި އާންމުންނަށް އުނދަގޫތަކެއް ދިމާވެދާނެތީ އެފިޔަވަޅު މިވަގުތު އެޅުން އުނދަގޫ ކަމަށެވެ.

"އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި. އެކަމަކު އެޗްޕީއޭގެ ހުއްދައާއި އެކީ އެކަން ކުރަން ޖެހޭތީ ފައިނަލް ނުވަނީ. މާލަސްތަކެއް ނުވަނީސް އިތުރު ފިޔަވަޅާއި ދިމާލަށް ދާން ޖެހިދާނެ ކަމަށް މައުލޫމާތު އަރުވަން" ނިޒާރު ވިދާޅުވިއެވެ.

އައްޑޫގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާއިރު، ދުވަހުން ދުވަހަށް އެސިޓީން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް އިތުރުވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    އައްޑޫގަ އެކަނިތަ ކޮވިޑް އޮތީ؟؟؟ މާލޭގަ ކޮވިޑް ފްރީ؟؟ މާލޭގަ ބޭނުން ގޮތަކަށް އެބަ އުޅެވޭ ކުޅިވަރު މުބާރާއްތަށް ބޭއްވޭ. މުޒާހަރާ ކުރެވޭ. ކިހާބޮޑު ނުހޮރޮއްޕާނެއްތަ ސަރުކާރުން އުޅެނީ އައްޑޫ މީހުންނަށް ޖެއްސުން ކުރަންވެގެން. އައްޑޫ މޭޔަރު ނިޒާ......................