ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން އަންގާ ގޮތަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ރިޕޯޓަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިސްލާހެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި އިސްލާހުގައި މަޖިލީހުގެ ހުށަހެޅުންތަކަށް ދެ ހުށަހެޅުމެއް އިތުރު ކުރަން ހިމަނާފައިވެއެވެ.

ފުރަތަމަ ހުށަހެޅުމަކީ، އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތައް 241 ކޮމިޓީގެ މެންބަރުންގެ އަތަށް ދީގެން ދިރާސާކުރުމަށެވެ. މިއީ ކޮމިޓީއަށް ވެސް ހުށަހެޅުނު ކަމެކެވެ. އެކަމަކު އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީ އޮތް ކޮމިޓީން އެ ހުށަހެޅުން ފާހެއް ނުވިއެވެ.

ދެވަނަ ހުށަހެޅުމަކީ ބޭރުގެ އެހެން ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ނުތިބެވޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބަދަލު ކުރަން މަޖިލީހުން އެންގުމެވެ.

މީގެ އިތުރުން ކޮމިޓީގެ ބައެއް ހޯދުންތަކުގެ މާއްދާތަކުގައި ހިމެނޭ އިބާރާތްތަކަށް ބައެއް އިސްލާހުތައް ގެންނަން ވެސް އާދަމް ޝަރީފް ހުށަހަޅުއްވާފައިވެއެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، ކޮމިޓީތަކުން މައްސަލަތައް ދިރާސާކޮށް އެކުލަވާލާ ރިޕޯޓްތައް ތަޅުމަށް ފޮނުވުމުން ކޮންމެ މެންބަރަކަށް ވެސް އިސްލާހު ހުށަހެޅޭނެއެވެ. އަދި ހުށަހެޅޭ ކޮންމެ އިސްލާހަކަށް ވަކިން ތަޅުމުގައި ވޯޓަށް އަހަން ޖެހޭނެއެވެ.

241 ކޮމިޓީއަށް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީން ޚިއްސާކުރީ އިންޑިއާއާއެކު ހަދާފައިވާ ތިން އެއްބަސްވުމެކެވެ. އެއީ އުތުރުތިލަފަޅުގެ ކޯސްޓްގާޑް ޑޮކްޔާޑްގެ އެއްބަސްވުމާއި، ހައިޑްރޯގްރަފީ ދިރާސާގެ އެއްބަސްވުން، އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމެވެ.

މި އެއްބަސްވުން ސަރުކާރުން ހާމަނުކޮށް އޮތް އިރު، އޭގައި ގައުމީ ސަލާމަތަށް އަސަރު ކުރާނެ ކަމެއް އޮތްތޯ ބަލަން 241 ކޮމިޓީއަށް ހުށަހެޅުއްވީ ވެސް އާދަމް ޝަރީފްއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.

މިފަދަ ބައެއް މަޝްރޫއު ހިންގަން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި، 2016 ވަނަ އަހަރު އިންޑިއާއާއެކު އެކުލަވާލާފައިވާ ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންއާ ހަވާލާދީ މި ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކުން، އިންޑިއާގެ އަސްކަރީ ސިފައިންނާއި ޖާސޫސީ މީހުން ރާއްޖޭގައި ދާއިމަށް ތިބެވޭ ގޮތަށް އޮންނަ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެއެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.

"މިނިވަން ކަމުގެ ދިފާއުގައި ދިވެހީން" އަދި "އިންޑިއާ މިލިޓަރީ އައުޓް" ފަދަ ޝިއާރުތަކުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި އިންޑިއާ ސިފައިން ބާލަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހދ. ހަނިމާދޫގައި އޮތް އިންޑިއާގެ ޑޯނިއާ މަތިންދާބޯޓާއި، ލ. ކައްދޫގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއި، އައްޑޫ ސިޓީ ގަމުގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ދުއްވަން އެ ގައުމުގެ އަސްކަރިއްޔާގެ 75 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮއްޔާ

  ތިއެއް ފާހެއް ނުވާނެ // އިންޑިޔާ ރުއްސަން މަޖްބޫރް // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

  19
  1
 2. ސސ

  ދިވެހިރާއްޖެ މިއޮތީ ޗައިނާގެ ދަރަނި އާއި އިންޑިޔާގެ ދަރަނީގައި ތާށިވެފައި !

 3. ސަލާ

  ރާއްޖެ މިވަނީ އިންޑިޔާގެ ދަރަނި އާއި ޗައިނާގެ ދަރަނީގައި ތާށިވެފައި ސިޔާސީ ވަފާތެރި ކެހިވެރިން ސިޔާސީ ބޭނުންތަކަށް ނެގި ބޮޑެތި ލޯން ގެ ސަބަބުން!