އައްޑޫސިޓީން އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ، މިއަދު ހަވީރު 18:00 އާއި ހަމަ އެސިޓީން ފައްސިވެފައިވާ 24 މީހުންގެ ތެރެއިން 21 މީހަކީ ހިތަދޫން ފައްސިވެފައިވާ މީހުން ކަމަށެވެ. އަދި ދެ މީހަކު ފޭދޫން ފައްސިވެފައިވާއިރު އެކަކު ފައްސިވެފައިވަނީ މީދުން ކަމަށެވެ.

އައްޑޫގެ އަވަށްތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑަށް މިވަގުތު ފައްސިވެފައިތިބީ ހިތަދޫންނެވެ. އެގޮތުން ހިތަދޫގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 10 މީހަކު ތިބިއިރު، ފޭދޫގައި 27، މަރަދޫގައި 43، މަރަދޫފޭދޫގައި 4، މީދޫގައި 39، ހުޅުދޫގައި 5 މީހުން އެބަ ތިއްބެވެ.

މިއާއި އެކީ އައްޑޫގައި ކޮވިޑަށް ފައްސިވެފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 290 އަށް އަރާފައެވެ.

އައްޑޫން މިހާތަނަށް 2،712 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 2،412 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ހަތަރު މީހަކަށް ކޮވިޑް ފެސިލިޓީގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، 10 މީހަކު ވަނީ އެސިޓީން ނިޔާވެފައެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނާތީ ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެކަން މިއަދު ހާމަ ކޮށްފައެވެ. އެހެން ނަމަވެސް އަޅަނީ ކޮން ފިޔަވަޅުތަކެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.