އިދިކޮޅު ކޯލިޝަނުގެ މެނިފެސްޓޯ ވަރަށް ރީތިވާނެ ކަމަށާއި، މެނިފެސްޓޯގައި މޮޅެތި ވާހަކަތައް ލިޔެފައި ހުރި ނަމަވެސް އެކަންކަމަކީ އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައ ޖަމީލް އުސްމާން ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީއަކީ ބޮޑެތި ވައުދުތަކަކާއެކު ވެރިކަމަށް އައިސް، ވެރިކަމަށް ތިން އަހަރު ނުވަނީސް އިސްތިއުފާ ދީފައިވާ ޕާޓީއެއް ކަމަށާއި، އެއީ ތަރައްޤީއެއް ގެނެސްދެވޭނެ ބައެއް ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް އެނގޭ ކަމަށެވެ.

"އެމީހުންގެ (އެމްޑީޕީގެ) މެނިފެސްޓޯ ވަރަށް ރީތިވާނެ، ވަރަށް މޮޅެތި ވާހަކަތައް ހުންނާނެ. އެމީހުންގެ މެނިފެސްޓޯއަކީ އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ބޭރުގެ ޤައުމުތަކުގެ މެނިފެސްޓޯގެ ދިވެހި ތަރުޖަމާ. އެމްޑީޕީގެ މެނިފެސްޓޯއަކީ އޭގައި ހިމަނާ ކަންކަން ކުރެވޭނެތޯ ނުވަތަ ނޫންތޯވެސް ބަލައިގެން ތައްޔާރުކުރާ މެނިފެސްޓޯއެއް ނޫން" އެމްޑީޕީގެ މެނިފެސްޓޯއަށް ފާޑު ވިދާޅުވަމުން ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯއާ ހިލާފަށް ރައީސް ޔާމީންގެ މެނިފެސްޓޯގެ ކޮންމެ އަކުރެއް ލިޔާނީ އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮވެގެން ކަމަށެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކާ ރައީސް ޔާމީން އާ ހުރި އެންމެ ބޮޑު ތަފާތަކީ މެނިފެސްޓޯ ނޫން ކަމަށާއި، މެނިފެސްޓޯގައި ހިމަނާ ކަންކަން ތަންފީޒު ކުރައްވާފައިވާ މިންވަރު ކަމަށްވެސް ޖަމީލް އުސްމާން ވިދާޅުވިއެވެ.

" ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި ކަންތައްތައް ކުރެވިގެންދާ މަންޒަރު ހަމަލޮލަށް ފެނޭ، އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ތަރައްޤީގެ އެއްވެސް މަންޒަރެއް ނުފެނޭ." ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލު އުސްމާން ވިދާޅުވީ ރަނިންމޭޓްގެ ކަންތައްތަކާ ހިސާބުން މިހާރުވެސް އިދިކޮޅު ކޯލިޝަނުގައި މައްސަލަ ޖެހިފައިވާ ކަމަށާއި، އިދިކޮޅު ކޯލިޝަނުގެ ތެރޭގައި މަޝްވަރާގެ ރިވެތި އުސޫލު ނެތް ކަމަށެވެ.

"ޖޭޕީން އެބަބުނޭ އެމްޑީޕީގެ މެނިފެސްޓޯ ހުރިގޮތުން ކަމަކު ނުދާނޭ. އިދިކޮޅު އިއްތިހާދުގެ ތެރޭގައި ނެތް އެއްވެސް ކަހަލަ މަޝްވަރާއެއް ކުރެވިފައެއް. މެނިފެސްޓޯ އެކުލަވާލުމާއި، ރިޔާސީ ކެންޑިޑޭޓް ހޮވުމުގައި އަދި ރަނިންމޭޓް ހޮވުމުގައިވެސް އިދިކޮޅު ކޯލިޝަނުގެ ތެރޭގައި މަޝްވަރާ ކުރެވިފައެއް ނެތް." ޖަމީލް އުސްމާން ވިދާޅުވިއެވެ

ރައީސް ޔާމީންއާ ދެކޮޅަށް ރިޔާސީ ރޭހަށް ނުކުތުމަށް ތައްޔާރުވަމުންދާ އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވަމުން ޖަމީލް އުސްމާން ވިދާޅުވީ، އިދިކޮޅު އިއްތޮހާދުގައި އުޅެނީ ހަމައެކަނި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ކަމަށާއި، އަދާލަތުވެސް މިހާރު އޮތީ ވަރަށް ބޮޑަށް ބައި ބައިވެފައި ކަމަށެވެ.

"ވަރަށް ފަހުން އަދާލަތުން ދީނީ އިލްމުވެރިންތައް ވަކިވެއްޖެ، ހަޤީގަތުގައި އަދާލަތު އެއޮތީ އުވިފައި. އަދާލަތުގެ ތެރޭގައި މިހާރު އުޅެނީ ސިޔާސީ ކަންތައްތަކުގެ ތެރޭގައި އުޅޭ މަދު ބަޔަކު." ޖަމީލް އުސްމާން ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ނިކުމެވަޑައިގަންނަވަނީ ރަނިންމޭޓެއްގެ ގޮތުގައި ވަރުގަދަ ދީނީ ސަހްސިއްޔަތެއް ކަމަށްވާ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދުއާ އެކުގައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓަކު ކަނޑައެޅުމުގެ ބާރު ޖޭޕީއަށް ދިނުމަށްފަހު އެމްޑީޕީން ބޭނުންވާ ރަނިންމޭޓެއް ދެއްކުމަށް ގޮވާލުމުން ކޯލިޝަނުގައި ހިޔާލުތަފާތުވުންތައް ގިނަވެ އަދިވެސް ވަނީ ރަނިންމޭޓެއް ކަނޑައެޅޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޖާއިބު އަންތަރީސް

    އިދިކޮޅު މެނިފެސްޓޯ އެެއްވެސް ރީއްޗެއްނޫން.

  2. ހަސަންބެ

    މާތް ކަލާކޯ... މެނިފެސްޓޯގެ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ. 5 އަހަރަށް ޕީޕީއެމް އިން ހެދި މެނިފެސްޓޯ ކޮބާ؟ ކޮބާ ދަނޑުވެރިންނަށް ދޭން ބުނި 8000 ރުފިޔާ؟ ކޮބާ ބެޔަސް ނުބެޔަސް މަސްވެރިންނަށް ދޭން ބުނި 10000 ރުފިޔާ؟ ކޮބާ ކޮންމެ ޢާއިލާ އަކަށް ދިން ޑަކްޓަރު؟ ކޮބާ ރިސޯޓް މުވައްޒަފުންނަށް ދިން ރިސޯޓްގެ ހިއްސާ؟ ކޮބާ ކޮންމެ އަތޮޅެއްގައި ހަދަން ބުނި ހުޅުމާލެ؟

  3. ރައްޔިތުން

    ޕީ.ޕީ.އެމް.އަކީ މެނިފެސްޓޯ އެއް އޮތަަސް ނެތަސް ވެރިކަން ދިފާޢުކުރަން ކޮންމެ ކަމެއްވެސް ކުރުމުގައި ޖެހިލުމެއްނެތި ހަމަ ނުހަމަކޮށްގެން ވެސް ސާބިތުވާނެ ހަމައެކަނި ޕާރޓީ

  4. އަލީ

    ތިބޭފުޅާވެސް އެކަން ގަބޫލު ކުރެވުނީ ތޯ؟

  5. ޢުސްމާނު

    ޖަމީލަކީ، ހާބަރު 4 ފުޑް ކޯޓު ލިބުުން މިހާރަކަށް އައިސް ވަރަށް އަނގަފުޅާ ބޭފުޅެއް. ރަނގަޅުވާ ހަކައެއް.