މާލޭގެ ވިޔަފާރި ބަނދަރު ކ. ގުޅީފަޅަށް ބަދަލުކޮށްފައި ވެސް، އެ ތަނުން މާލޭގެ މީހުންނަށް ގޯއްޗާއި ފްލެޓު ދެވޭނެ ބިން އޮތް ކަމަށާއި އެތަނުގައި މަދުވެގެން 30،000 މީހުންނަށް ބޯހިޔާވަހިކަން ދެވޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި އެ މައްސަލަ ހައްލުވާން ރައްޔިތުން ބޭނުންވާ ކަމަށެވެ. އެކަމަކީ ސަރުކާރަށް ހައްލުކޮށްދެވޭނެ ކަމެއް ކަމަށާއި ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުޅުމާލެ ދެވަނަ ފިޔަވަހިން ވިޔަސް، ގުޅީފަޅުގެ ޕްލޭން ބަދަލުކޮށްގެން ވިޔަސް މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ އަޑު އަހައިގެން މި ކައުންސިލުން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.
ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ފާހަގަ ކުރައްވައި މުއިއްޒު ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ގުޅީފަޅަކީ އެކަމަށް އެންމެ އެކަށީގެންވާ ސަރަހައްދު ކަން ފާހަގަ ކުރައްވައިފައެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ބިން މުއްސަނދިންނަށް ވިއްކުމުގެ މަސައްކަތް އަދި ނުފެށި ކަމުގައި ވިޔަސް، މާލޭގެ ނިކަމެތި ރައްޔިތުންނަށް ގޯތި ދެވޭނެ ބިން ދެވަނަ ފިޔަވަހީގައި އެބަހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި ޕޯޓެއް އަޅަން ސަރުކާރުން ނިންމާފައި ވާތީ ޕޯޓު އަޅާފައި ވިޔަސް "ހުޅުމާލެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް" ގުޅީފަޅުގެ ފަޅު ހިއްކައިގެން އަދިވެސް އުފެއްދެން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެވަރުގެ ޖާގައެއް އުފައްދަވައިފި ނަމަ، މަދުވެގެން 30،000 މީހުންނަށް ގޯއްޗާއި ފްލެޓު ގުޅީފަޅުން އެކަނި އެބައޮތް ދެވެން." ކުރީގެ ރައީސް ޑރ. މުހައްމަދުވަހީދު ސަރުކާރުގައި އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މި ހިޔާލުތައް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ރައީސް އިބްރާހިމް ސޯލިހާ ބައްދަލުކޮށް އަދި އެކި ފަހަރު މަތިން ސިޓީތައް މެދުވެރިކޮށް ވެސް އެ މަނިކުފާނަށް ދަންނަވާފައިވާނެ ކަމަށެވެ. މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށާއި އެކަން އަވަސްކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"މާލޭގެ ރައްޔިތުން ތިބީ ވަރަށް ހާލުގައި. މި މައްސަލަ ހައްލު ކުރުމަކީ އެންމެ ބޮޑު މައްސަލަ. އެއަށް ވުރެ ބޮޑު މައްސަލައެއް މާލޭގެ ރައްޔިތުންނަށް ނެތް. މި ކައުންސިލުން މަސައްކަތް ކުރާނަން." މުއިއްޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ މާލެ އާއި ވިލިމާލޭގެ ބިން ބޭނުންކުރަން ނިންމާފައިވާ ގޮތުގެ ލޭންޑް ޔޫސް ޕްލޭންގެ ޕްރޮޕޯޒަަލް ތައާރަފުކޮށް، މި ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަން ފުރުސަތު ހުޅުވާލައިފައެވެ.
ކައުންސިލްގެ މިދިޔަ ތިން ދައުރުގައި އެ އިދާރާ އަށް ހިދުމަތްކުރި މީހުންގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ ދީފަ އެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އާ ލޯގޯ އާއި އާ ޔުނީފޯމް އަދި މަޖައްލާ ވެސް ތައާރަފުކުރި އެވެ.
ކުރާކަމެއް އަވަހަށް ނިންމައިފިއްޔާ ހާދަހާ މުޢިއްޒުވެއްޖެދޯއޭ ބުނަނީ އެހެންވެގެން މުޢިއްޒު ވަރެއްނެތް
ބަރާބަރު ވާހަކައެއް. މަނިކުފާނުގެ ވިސްނުން 100
ހިލޭ ބިންދެވިގެން ނުވާނެ އެއްވެސް މީހަކަށް. ރައްޔިތުންގެ ލާރިން ހިއްކާފަ ވަކި ބަޔަކަށް ހިލޭ ރަންވަޅެއް ދިނުމަކީ އެއްވެސް ހަމައެއްނޫން. މަ މާލެއަށް އުފަންނުވީތީ މަށަށް ސަރުކާރުން ރަންވަޅެއް ނުދޭންވީކީތްވެ؟؟ މާލޭ މީހުންނަށް އެވަރުގެ އަގުބޮޑު ބިން ދޭނަަމަ އެވަރުގެ އަގުގެބިން ނުވަަތަ އަގު އެހެން ރައްޔިތުންނަށްވެސް ހަމަ ހިލޭ ދޭންޖެހޭނެ. ހިލޭ ތެޔޮވަޅެއް/ ރަންވަޅެއް ހައްގުވަނީ މާލެއަށް ވިހޭމަތަ؟ ތިހެނަކުން ނުހެދޭނެ!!
މާލޭ މީހުންގެ ތެރޭ ގިނަމީހުންފުލެޓުބޭނުންވަނީ ކުއްޔައްދޭން އިހައްބަލާބަލަ މާލޭގެ އާބާދީ ރައްޔިތުންގެ ކިތައްމީހުންތޯ މާލެގަދިރިއުޅެނީ ހިޔާފުލެޓުތައްވެސް ފޭރިގަނެގެން އެތިބަކުއްޔައްދެނީ ނިކަމެތިން ތިއްބާ މޑޕ އެކުޓިވިސްޓުންނައް ފުލެޓުތައްބަހާލަެިގެން އެމީހުންވެސް ލާރިނަގަނީ ދެންތިބި މޯހުންވަޒީފާ އެއްގަޖެހިލައިގެން ލާރިނަގަނީ މމޕރސ ގެ 3 ގުނަ މިހާރު 115 ވަނަމާއްދައިގަދަށުންކާލާއިފި..
7އަހަރު ވެރިކަމުގަ އެކަން ނުކުރެވުނީ ކީއްވެބާ އަމިއްލަ ގެ 10 ބުރިޔައްނިންމާލުން އެ 7 އަހުކުރެވުނީ
ސުބްޙާނަﷲ.. އަހަރެންނަކީ 2010 ވަނަ އަހަރު ގުޅިފަޅުން ފުލެޓުގަތް މީހެއް.. އަދި އަދަށްވެސް ދެއްކި ލާރިއެއް ފުލެޓެއްވެސް ނުލިބޭ.. މިހާރު މުސްކުޅިވެ އުޅެވޭނެގޮތެއްނެތިގެން މިއުޅެނީ! ތިޔަތަން އޭރު އާބާދު ކުރީ މުޢިއްޒު ކޮންސަލްޓަންސީދީގެން، އަދި ފަހުން ފަޅުކުރީ ހަމަ މުއިއްޒު "އިންސާނުން އުޅެން އެކަށޭނަ ތަނެއްނޫނޭ ބުނެ"! މުއިއްޒު ވެސް ސިޔާސީފައިދާއަށް އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ! މިއީ އަހަރެންދެކޭގޮތް... ރ.ޔާމީނު ގެ ދިފާޢުގައި މީނާ ނުކުމޭތަ އެބަ ؟؟ އެބަ ނިކުމޭތަ ؟؟ ﷲ މުޢިއްޒުއަށް ތެދުމަގު ދައްކަވާށި.. އެހެންނަމަވެސް އަހަރެން ބޭނުން އަހަރެންގެ ކިބައިން މަޢާފަށް އެދެން... މިއީ ގަދަކީރިތިވަންތަ މޫރިތިވަންތަ ﷲ ގަންދީ ހުވާ ކޮށް މަބުނާ ވާހަކައެއް... ކެރޭނެތަ ކޮމެންޓު ޖަހާލަން.. ؟؟