މާލޭގައި ދުއްވާ އުޅަނދުތައް ޕާކްކުރެވޭނެ ޖާގައިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އުޅަނދުތައް ޕާކްކުރަން ބޭނުންވާ ޖާގަތައް އޮންލައިންކޮށް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ދާދި ފަހުން ސިޓީ ކައުންސިލުން ވަނީ ކާނިވާ ސަރަހައްދުގައި، އުޅަނދުތައް ޕާކް ކުރެވޭނެ ޖާގަ އިތުރުކޮށްފައެވެ. މޭޔަރު ވިދާޅުވީ އެ ސަރަހައްދުގައި އިތުރު 500 އެއްހާ ސައިކަލާ 100 އެއްހާ ކާރު ޕާކް ކުރެވޭނެ ޖާގަ މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުން ރޭ ބޭއްވި ރަސްމިއްޔާތު - ފޮޓޯ: ސިޓީ ކައުންސިލް

"ކާރުގެ ޖާގައިގެ ދެބައިކުޅަ އެއްބައި ޓެކްސީތަކަށް، އަދި އެހެނިހެން ޖާގަތަކުގެ އުފެދޭ ކާރު ޕާކިން ޒޯންގެ ދެބައިކުޅަ އެއްބައި ޓެކްސީތަކަށް" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާކިން ޖާގަތަކަށް ހާއްސަކޮށްގެން ގާއިމްކުރާ ޕޯޓަލް މެދުވެރިކޮށް ޖާގާތައް ހުސްކޮށް ހުރި ކޮންކޮން ދިމާލެއްކަން ފަސޭހައިން އެނގޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ.

"އެއާލައިނުގައި ސީޓް ބުކްކުރެވޭ ނިޒާމާ އެއްގޮތަށް މަގުމަތީގެ ޕާކިން ސްލޮޓްވެސް ބުކްކުރެވޭނެ" ވިދާޅުވިއެވެ.

ޕާކިން ޖާގަތަކަށް ފައިސާދައްކައިގެން ކުއްޔަށް ދޫކުރާ ގޮތަށް ނުވަތަ ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސަން ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެކަމަށް ހުޅުވާލެވޭ ވަރު ވާނީ އަންނަ މަހުގެ ފަހުކޮޅު ކަމަށް ވިދާޅުވިއެވެ.

"އިިރާދަކުރެއްވިއްޔާ ޑިސެމްބަރު މަހު މެދު ތެރޭގައި އެކަމަށް ހުޅުވާލަންނަ" މޭޔަރު ހާމަކުރެއްވިއެވެ.

ސިޓި ކައުންސިލުން ބުނީ އޮންލައިންކޮށް ޖާގަތައް ބުކް ކުރެވޭ އިންތިޒާމު ހަމަޖައްސާނީ މި ދައުރު ފެށުނުއިރު ޖާގަތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުލުމަށް ފަހު އެ ފަރާތްތަކަށް ޖާގަ ދޫކުރުމަށް ފަހު ކަމަށެވެ.

ކައުންސިލުން ގެންގުޅޭ ވިސްނުމަކީ ލޭންޑް ޔޫޒް ޕްލޭންއާ އެއްގޮތަށް މަލްޓި ޕާކިން ސިސްޓަމެއް، މާލޭގައި ގާއިމްކުރުމެވެ. އެ ޕްލޭން ތައްޔާރުކޮށްފައިވަނީ ރައްޔިތުންގެ ފަރާތުން އެކި މަޝްވަރާ ބައްދަލުވުންތަކުގައި ލިބުނު ހިޔާލުތަކުގެ މައްޗަށެވެ. އެއްހާއެއްހާ ގިނަ ހިޔާލު ވަނީ މާލޭގެ ރައްޔިތުންގެ ފަރާތުން ލިބިފައެވެ.

"ގާތްގަނޑަކަށް 1180އަށް ވުރެ ގިނަ ތަފާތު ހިޔާލު ރައްޔިތުންގެ ބައްދަލުވުންތަކުންނާއި އެކި މީޓިންތަކުން ލިބުނު" މުއިއްޒު ވިދާޅުވިއެވެ

ޕްލޭނަށް ކޮމެންޓު ހުށަހެޅުމަށް ދެ ހަފްތާއެއްގެ ތެރޭގައި ހުޅުވާލާނެއެވެ. މުއިއްޒު ވިދާޅުވީ ކޮމެންޓަށް ފަހު ފަހު، ޕްލޭން ރަސްމީކޮށް އެންޑޯޒް ކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށެވެ.

"އޭރުން ފާހަގަކޮށްފައި ހުރި ތަންތަނުގައި ޕާކިން އިމާރާތް އަޅަން ހުޅުވާލާނަން" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    ތީ ދެން ވަރައް ބޮޑުވަރު ކޮބާތަ އަހަރެމެން ކުރިން ލީ ފޯމްތައް ތިއައް ކިއަނީ ގަނތަޅުވަނީ އޭ.. ދެން ބުނާނެ މާރުކޭޓު ގޮޅިއައް ވެސް އޮންލައިން ކޮއް ފޯމްލާށޭ

  2. ރައްޔެތު

    ކާރު ޕާކު ކުރަނ ޖާގަ ދޭންޖެހޭ ގޮތެއް ނުވިސްނޭ. އެއީ ގަރާޖުގަ އޮންނަން ޖެހޭ އެއްޗެއް

    6
    2
  3. ރީތި މޫސަ

    ގައުމުގެ ބޮއްސުންލާފަ ހުރިކަންކަން ރަނގަޅު ކުރުމަށް ރައްޔިތުންނަށް ތިދެއްވާ ފުރުސަތަށް ސާބަސް

    4
    1