ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއެކު، ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ނަމުގައި ސިޔާސީ ހަރަކާތެއް އުފައްދަވައިގެން މަސައްކަތް ކުރެއްވި ނަމަވެސް އެ ހަރަކާތް ދޫކޮށްލަން ނިންމީ ޕާޓީއަކަށް އެ ހަރަކާތް ބަދަލު ކުރަން އުމަރު ތާއީދު ނުކުރެއްވުމުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާގެ ބޮޑުބޭބޭފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދުންޔާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖަލަށްލި ހިސާބުން ފެށިގެން ދުންޔާ ހުންނެވީ ސިޔާސީ ކަންކަމާ ކޮންމެ ވެސް ވަރަކަށް ދުރުގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ދުންޔާ އުޅުއްވީ ވެސް ރާއްޖޭން ބޭރުގައެވެ. ނަމަވެސް ރާއްޖެ ވަޑައިގެން އުމަރުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ. ފަހުން އެ ހަރަކާތް ވެސް ދޫކޮށް އެމްއެންޕީއާ ގުޅިވަޑައިގަތެވެ.

"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދުންޔާ ވަނީ އުމަރުއާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތައް ކޮންމެ ވެސް ވަރަކަށް ޚިއްސާ ކުރައްވައިފައެވެ. މައިގަނޑު ޚިޔާލު ތަފާތުވުމަކީ ޕާޓީއެއް އުފައްދަވައިގެން މަސައްކަތް ކުރެއްވުމާ ގުޅޭ ގޮތުން އުފެދުނު ޚިޔާލު ތަފާތުވުމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އުމަރުގެ ވިސްނުމަކު ޕާޓީއެއް އުފެއްދުމުގެ ޚިޔާލެއް ނެތް، ބައެއް ޚިޔާލު ތަފާތުވުންތައް ވެސް ހުރުމުން، ޕާޓީއެއްގެ ތެރެއިން، އޮނިގަނޑެއްގެ ތެރެއިން، ޓީމަކާއެކު މަސައްކަތް ކުރަން އަޅުގަނޑު ބޭނުންވީ،" ދުންޔާ ވިދާޅުވިއެވެ.

އެހެންވިޔަސް އުމަރަކީ އެކަމަނާ ވަރަށް އިޚްތިރާމް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. އަދި ހަރުދަނާ އުސޫލުތަކެއް އުމަރު ހިފަހައްޓަވާ ކަމަށް ވެސް ވިދާޅުވިއެވެ. އުމަރު ފުރުސަތު ދެއްވުމުން އެ ދައުވަތު ގަބޫލު ކުރެއްވީ ވެސް އެހެންވެގެން ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ މިހާރު ހުންނެވީ އެމްއެންޕީގެ އަންހެނުންގެ ރޫޚުގެ ލީޑަރުގެ މަގާމުގައެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް އެ ޕާޓީއަށް ވަނީ ގުޅިވަޑައިގެންފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އުމަރު ވާދަކުރައްވާނެއެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓެއް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެއެވެ. އެ ކެންޑިޑޭޓް ކަނޑައަޅަން ބާއްވާ އެތެރޭގެ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރި

    އުމަރު ހަމަ އުމަރު. އިތުރު މީހަކަށް ވޯޓެއް ނުދޭނަން.

    5
    5
  2. Anonymous

    ކަމަނާމެންގެ 4 ބަފައިން ތިއުޅެނީވެރިކަމައްބޫތުކައިގެ އުޅެވޭގޮތްވެސް ނޭގިގެންބައްޕ 30 އަހަރުވަންދެން ކުރި ހުދުމުހުތާރު ވެރިކަން ހިތުން ނފިލަނީ

    12
    3
  3. ޙަަަހަ

    މައުމޫންގެ ކޮންމެ ދަރިއަކު ޕާޓިއެއްގައި މިއުޅެނީ ، ބޭނުންވަނީ ކޮންމެސް ދިމާއަކުން ހިޔާ ،

    6
    1
  4. ސުންކޫ

    2023 ގައި ޢުމަރު މައުމޫނުގެ ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓް ގެ ގޮތުގައި ފެނުން ދުރެއް ނޫން. ޢުމަރު ރައީސް ކަމަށް ނައިބު ރައީސް ކަމަށް ފާރިސް ނެގީމާ ނިމުނީ ނޫންތޯއެވެ. ފުރަތަ ބުރުން ކާމިޔާބު ނުވިޔަސް ދެވަނަބުރަށް ދާބަޔަކަށް ތާއީދު ކުރީމާ ސިޔާސީ ޖާގަ ލިބޭނެ ނިމުނީނޫންތޯ.