ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ތޮއްޑޫ ބަނދަރު ކައިރީގައި ފޮތް ކިއުމަށް ހާއްސަ ރީޑިން ޕާކެއް ގާއިމުކޮށްފިއެވެ.

މި ރީޑިން ޕާކްގެ މަސައްކަތް ރާވައި ހިންގީ ތޮއްޑޫ ސްކޫލްގެ ލީޑިން ޓީޗަރެއްގެ މަގާމު އަދާކުރައްވާ އާދަމް އަފްސަލެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮޖެކްޓް ގެ މަގްސަދަކީ ފޮތް ކިޔުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކޮށް އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެެވެ. މި ރީޑިންގ ޕާކުގައި ދަރިވަރުންނަށް ހާއްސަކޮށްފައިވާ މިނީ ލައިބްރަރީ އެއްވެސް ހިމެނެއެވެ. މިތަނަށް ޒިޔާރަތް ކުރާ ބެލެނިވެރިންނަށް ހާއްސަކޮށް ޖޯއްޔާއި އުނދޯލި ވަނީ ބަހައްޓާފައެވެ.

މާ ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މި ރީޑިންގ ޕާކުގައި ތުއްތު ކުދިންގެ މޮޓޯ ސްކިލްސް ތަރައްގީ ކުރުމަށް ޗެސް، ޑޮމިނޯ ފަދަ ސިކުނޑި ތަރައްގީކޮށްދޭ ކުޅިވަރުތައް ކުޅުމުގެ ފުރުސަތުވެސް ވަނީ މަގުފަހިކޮށްދީފައެވެ. ކުދިންގެ މައުލޫމާތު މުއްސަނދި ކުރުމަށް ދިވެހި ވެށީގައިވާ ތަފާތު ތަކެއްޗާއި ގަސްތަކުގެ ނަންތައް ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި ބޯޑުތައް ވަނީ ހަރުކޮށްފައެވެ.

ތޮއްޑޫގައި އެޅި ޕާކް.

އަފްސަލް ވިދާޅުވީ ކުޑަކުދިންނަށް ހާއްސަ ޕާކެއް މި ރަށުގައި ނެތުމުގެ އިތުރުން ރަށުގެ ސްކޫލްގައި ހުންނަ ލައިބްރަރީ ފިޔަވައި އިތުރު ލައިބްރަރީއެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން މިއީ ކުދިން ފޮތް ކިއުމަށް ޝައުގު އުފެއްދުމުގެ ގޮތުން އައި ހިޔާލެއް ކަމަށް ވިދާޅުވިއެވެ.

"މި ރީޑިންގ ޕާކުގެ ސަބަބުން ދަރިވަރުންނަށް ރަށްޓެހިކުދިންނާއި އަދި އާއިލާ އާއި އެކުގައި އައިސް ފިލާވަޅުތައް މުތާލިއާކުރުމުގެ ފުރުސަތު ލިބިގެންދާނެ. މިރަށަށް ނުހަނު ބޭނުންތެރި މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށްޓަކައި ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އަފްސަލް ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރަކީ މެދުކެނޑުމެއްނެތި ކޮމިއުނިޓީ ފަންޑު ހިންގާތާ ތިންވަނަ އަހަރެވެ. އަދި މިހާތަނަށް މިފަންޑުގެ ދަށުން 55 ޕްރޮޖެކްޓަކަށްވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.