ސަރުކާރު ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރަން އެ ޕާޓީގެ އަންހެން ކަނބަލުން އިސްނަގައިފިނަމަ އެކަންވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް މެންބަރު އިތުރުކުރުމަށް ނަހުލާ އިސްވެ ހުންނަވާ ޕާޓީގެ އަންހެން ކަނބަލުންނާއެކު ފ. ނިލަންދޫއަށް ކެމްޕޭނު ދަތުރެއް ކުރެއްވިއެވެ.

"އަންހެނުން އިސްނަގައިގެންކުރާ ކޮންމެ ކަމެއް ކާމިޔާބުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން" ނިލަންދޫއަށް ކުރި ދަތުރާ ގުޅޭ ގޮތުން ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން ނަހުލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަތޮޅު ތެރެއަށް ކެމްޕޭނުކުރަން ފެށި ދަތުރުތަކަކީ މުހިއްމު މަސައްކަތަކަށްވާއިރު ނިލަންދޫއަކީ ފެށުމެއް ކަމަށެވެ. ކުރިއަތް އޮތް ތަނުގައި ދަތުރުތައް އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ޖޫމްހޫރީ ޕާޓީއާ ޕާޓީގެ ލީޑަރު ދެކެ ލޯބިވާ އެތައް ރައްޔިތުންނެއް އެބަ ތިބި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި" ވިދާޅުވިއެވެ. ނިލަންދޫ އަކީ ގާސިމްއަށް ބޮޑު ތާއިދެއް އޮންނަ ރަށެއްކަން ފާހަގަކުރައްވާ ނަހުލާ ވިދާޅުވީ އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އަލަށް ޕާޓީއާ ގުޅިފައިވާ ކަމަށެވެ.

"ނިލަންދޫ ރައްޔިތުންނަކީ ފެށުނީއްސުރެ ގާސިމް ދެކެ ލޯބިވާ ރައްޔިތުން ތިބި ރަށެއް" މި ސަރުކާރުގެ ގެނައުމުގައިވެސް ބުރަކޮށް މަސައްކަތްތަކެއް ކުރެއްވި ނަހުލާ ވިދާޅުވިއެވެ.

ޕާޓީގެ ހަރަކާތްތަކުގައި ނަހުލާ އިސްވެ އުޅުއްވަން ފައްޓަވާފައިވާއިރު ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ހަރަކާތްތަކާ ދުރުގައި އުޅުއްވުމަށް ފަހު ގާސިމްވެސް ވަނީ މިހާރު ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދި ފަހުން ގާސިމްއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ދެއްވަން ގާސިމް ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. ނަމަވެސް ބަރުލަމާނީއާ ދެކޮޅުކަން ގާސިމް ފާޅުކުރައްވަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރު ދައްކާ ގޮތުން މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ އަދަދަކީ 13،174އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބިގް ބޮސް

    ބާރައް ކުރިޔައް ގޯހެންނޫ ނަހުލާ ދެކިވަޑައިގަންނަވާގޮތް.ނިލަންދޫ މީހުންނަކީ ގޮތުގައި ތިބޭބަޔެއް

  2. ދަރަނި ދަންތުރަ

    ގާސިމްގެ މިހާރު ތިބި 4 އަނބިން ވަރިކޮށްފަ އަނެއްކާ އާ 4 އަންހެނުންނާ ކައިވެނިކުރޭ އޭރުން ޕާޓީޔަށް 4 މީހުން އިތުރުވީ ، އައިސާ އޯކޭތަ ؟

  3. އިބްރާހިމް

    ކޮބައިތޯ ބޭނުމަކީ؟އަގުވެއްޓުން ނޫންކަމެއްނުވޭ.

  4. ހަޑީ

    ގާސިމްބެ މާމިނގިލިން 23 އަހަރުގެ އަންހެނަކާއި ކައިވެނި ބައްލަވައިގަތް ހަބަރު ވެސް ދޮލުއަހަރު ކުރިން އަޑުއެހިން. ހޯރަފުށީ އައިޝާ ހަގުއަންބަށް މިތިޔުމުގައި އޮތީމަ، ސުވާލަކީ ހަކުދިންގެ މަންމަ އައިޝާ 25 އަހަރު ނުފުރޭތޯ؟ ނޫނީ މާމިގިލީ ކަނބުލޭގެ ވަރިކުރެއްވީތޯ؟