ރާއްޖޭގައި ބަނދަރުތަކުގެ ގާނޫނެއް އެކުލަވާލުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީ އަށް ލަފާދޭން ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯން އެންޓަޕްރައިޒަސް ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ޝިޕިންގ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާގެ ޓުޓިކޮރިންއާއި އައްޑޫއާ ދެމެދު ކުރާ ކާގޯ ފެރީ ދަތުރުތަކުން ނަގާ ފީތައް ބޮޑުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޓީ އަށް ވަރަށް ފަހުން ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

އެހެންވެ، އެ ކޮމިޓީން ނިންމާފައި ވަނީ ބަނދަރުތަކުގެ ގާނޫނެއް، 150 ދުވަހުގެ ތެރޭގައި އެކުލަވާލަން ލަފާ ދިނުމަށެވެ.

އަދި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހިތަދޫ ބަނދަރާއި ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން
އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގެ މަސައްކަތް ފެއްޓުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައި ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް ދެންނެވުމަށް ކޮމިޓީއިން ވަނީ ނިންމާފައެވެ. އޭގެތެރެއިން ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްލޭނިން މިނިސްޓްރީ އަށް ވެސް ދަންނަވާނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަގަމުންދާ ފީތަކުގެ ތެރެއިން މައިގަނޑު ގޮތެއްގައި ބޮޑު ކުރީ ޕައިލޮޓޭޖް ފީކަމަށް އެ ކުންފުނިން ފާހަގަ ކޮށްފައިވެެއެވެ. މީގެ ސަބަބުން، ދިވެހި ވިޔަފާރިވެރިން އަދި ޢާންމުންނަށް ލިބެމުން އައި ފައިދާތަކަށް ނޭދެވޭ އަސަރު ކުރާތީ އިތުރަށް ކޮމިޓީއިން ވަނީ ފީ ކުޑަކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ލަފާދޭން ނިންމާފައެވެ.