ގދ. ތިނަދޫ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު މިއަދު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، މިއާއެކު މިހާރު އެރަށުގައި ބަލި ޖެހިފައި ތިބި 21 މީހަކު ތިބި ކަމަށެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1067 އަށް އަރާފައެވެ.

ތިނަދޫގެ ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ފައްސިވިއިރު، މިވަގުތު އެރަށް އޮތީ މޮނީޓަރިންގް ހާލަތުގައެއް ނޫނެވެ. ނަމަވެސް ފާއިތުވެދިޔަ ފަސް ވަަރަކަށް ދުވަސް ތެރޭގައިވެސް އެރަށުން ކޮވިޑްގެ ވޭދަނަތައް ފެނިފައި ވެއެވެ.

އެރަށުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ. އަދި މިވަގުތު އެއްވެސް މީހަކަށް ފެސިލިޓީގައި ފަރުވާ ދެމުންނުދެއެވެ.

ރާއްޖޭން މިހާތަނަށް 91274 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، ފަހަކަށް އައިސް މި ބައްޔަށް ފައްސިވަމުން އަންނަނީ އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މި ބަލި ޖެހިފައި ތިބި 1823 މީހަކު މިވަގުތު ރާއްޖޭގައި ތިބިއިރު، ބަލިން 89190 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި މިވަގުތު 14 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނައިރު، 248 މީހަކު ވަނީ މި ބަލި ޖެހިގެން ރާއްޖޭން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު