ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި "ސްކައިޕް" މެދުވެރިކޮށް ހެކިބަސް ނަގަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެގޮތުން "ސްކައިޕް" މެދުވެރިކޮށް ނަގަން ނިންމާފައިވަނީ، މެލޭސިޔާގައި ދިރިއުޅެމުންދާ ރިލްވާންގެ ބޭބެ މޫސާ ރިލްވާންގެ ހެކި ބަހެވެ. މިއީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ތާރީހުގައި ވެސް "ސްކައިޕް" މެދުވެރިކޮށް ހެކިބަސް ނަގާ ފުރަތަމަ ފަހަރެވެ.

މޫސާ ރިލްވާންގެ ހެކިބަސް ނެގުމާ މެދު މީގެ ކުރިން ވަކި ގޮތެއް ނިންމާފައި ނުވާއިރު، މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ މި ހެކިވެރިޔާ އަކީ ދައުލަތުން މި މައްސަލަ ހުށަހެޅިއިރު އަދި ހެކި ހުށަހަޅަން ދިން ފުރުޞަތުގައިވެސް ހުށަހަޅާފައި ނުވާ ހެއްކެއް ކަމަށާއި، މި ހެކި ހުށަހަޅާފައިވަނީ އޭގެ ފަހުން ކަމަށެވެ.

ނަމަވެސް، މި މައްސަލައިގައި ހެކިބަސް ދިން އެހެން ފަރާތްތަކުގެ ހެކިބަހުން މޫސާ ރިލްވާން އަކީ މި މައްސަލައިގައި ގެއްލިފައިވާ އަޙްމަދު ރިލްވާންގެ މަންމަގެ ދަރިއެއްކަން އެނގެން އޮންނާތީއާއި، މި މައްސަކައަކީ "އެލިމިނޭޝަން" ގެ އުސޫލުން އިންސާފު ޤާއިމު ކުރެވޭ މައްސަލައަކަށްވާތީ، އަދުލު އިންސާފަށް ވާސިލުވުމަށްޓަކައި މޫސާ ރިލްވާންގެ ހެކިބަސް ނެގުން ވަރަށް މުހިންމު ކަމަށެވެ.

"އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް އެއްވެސް ކަމެއް ބައްޓަން ކުރެވިގެން ނުވާނެ، އެކަށީގެންވާ ޝައްކުތައް ފިލުވާލައި އަދުލު އިންސާފަށް ވާސިލުވުމަށްޓަކައި މޫސާ ރިލްވާންގެ ހެކިބަސް ނެގުމުގެ ފުރުޞަތު ދައުލަތަށް އަރުވަން" މައްސަލަ ބައްލަވާ ގާޒީ މިއަދުގެ ޝަރީއަތުގައު ވިދާޅުވިއެވެ.

މޫސާ ރިލްވާންގެ ހެކިބަސް ނަގަން ގާޒީ ނިންމެވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، އޭނާ ރާއްޖޭގައި ނޫޅޭ ކަމަށާއި، ދައުލަތަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދިރިއުޅެމުންދަނީ މެލޭސިޔާގައި ކަމަށެވެ.

ގާޒީ ނިންމެވީ ރާއްޖޭން ބޭރުގައި އުޅުއްވާ ފަރާތެއް ނަމަވެސް މެލޭސިޔާއަކީ ރާއްޖޭގެ އެމްބަސީއެއް ހުންނަ ޤައުމަކަށްވާތީ، 2018 ޖުލައި 12 ވާ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން ހެނދުނު 10:00 ގައި (މެލޭސިޔާ ގަޑިން މެންދުރުފަހު 13:00 ގައި) މެލޭސިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި، ފަސްޓް ސެކްރެޓަރީއެއްގެ ހާޒިރުގައި "ސްކައިޕް" މެދުވެރިކޮށް މޫސާ ރިލްވާންގެ ހެކިބަސް ނެގުމަށެވެ.

މޫސާ ރިލްވާންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވަނީ މި މައްސަލައިގައި ރިލްވާން އެރުވިކަމަށް ދައުލަތުން ތުހުމަތު ކުރާ ރަތް ކުލައިގެ ކާރަށް މޫސާ ރިލްވާން އެރިތޯ ނުވަތަ ނާރާތޯ ޔަޤީން ކުރުމަށެވެ.

މި މައްސަލައިގައި ދިފާއުން ހެކި ހުށަހަޅާފައިވީ ނަމަވެސް ދިފާއީ ހެކިންގެ ހެކިބަސް ނެގުމާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމުމުންނެވެ.