40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިހާރު ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ހުދު ސަމާލު މިހާރު ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިހާރު ހުދު ސަމާލުގެ ވަގުތު އިތުރު ކުރަމުން ގެންދަނީ އިއްޔެ މެންދުރު ފަހުން ފެށިގެންނެވެ.

ނޮވެމްބަރ މަސް ފެށުނު ފަހުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާއްމުގޮތެއްގައި އަންނަނީ ވިއްސާރަ ކުރަމުންނެވެ. ނޮވެމްބަރ މަހު ވަރަށް މަދު ދުވަހަކު ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް ކޮންމެވެސް ސަރަހައްދަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.