އދ. ބޮޑުކާށިހުރާ ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދި 100 ކިލޯގެ ޑްރަގުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތަހުގީގު ނިންމުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ފުލުހުންގެ އެދުމުގެ މަތިން މުއްދަތު އިތުރުކޮށްދީފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕީޖީ ދައުވާ އުފުލަން ޖެހޭނެއެވެ. ނަމަވެސް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމަށް ވެފައި، އެ މައްސަލައިގެ ބާވަތުން އެ މުއްދަތުގެ ތެރޭގައި މައްސަލައިގެ ތަހުގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމަށް ނުވާ ނަމަ، ތަހުގީގު ފުރިހަމަކުރުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕީޖީއަށް ހުށަހެޅޭނެ އެވެ.

ފުލުހުން އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ މުއްދަތު އިތުރު ކޮށްދޭނީ ޕީޖީއެވެ. މި މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު ޕީޖީން އިތުރުކޮށްދީފައި ވަނީ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށެވެ.

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދިހަ މީހުންގެ ތެރެއިން މިހާރު ފަސް މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އެމީހުން ހައްޔަރު ކުރީ ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މަހުގެ 13ގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މައްސަލައިގެ ތަހްގީގު ނިންމަން ފުލުހުންނަށް އިތުރު މުއްދަތެއް ދިން އިރު ފަހަކަށް އައިސް މަަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕީޖީ އޮފީހާއި ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ. 2019 ވަނަ އަހަރު އަހަރު އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދަށު ކޯޓުގެ ނިންމުން ޕީޖީ ހައިކޯޓުގައި އިސްތިއުނާފު ނުކުރުމުން ފުލުހުން ވަނީ މަޖިލީހުގެ ކޮމެޓީގައި އެކަމުގެ ޝަކުވާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު