އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ދައުވާ އުފުލުމުން ވެސް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ސަރުކާރުން ފިޔަވަޅު ނާޅާ ލަސްކުރާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޖާބިރު "ވަގުތު" އަށް ވިދާޅުވީ، ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މަހްލޫފަށް ދައުވާ ކުރާ ހިސާބަށް ދިއުމުން އޭނާ މަގާމުގައި ވެސް ބަހައްޓައިގެން ނުވާނެ ކަމަށެވެ. އޭނާއަށް ފިޔަވަޅެއް ނާޅާފިނަމަ، މާދަމާ މަޖިލިސް ހުޅުވުމުން އެ މައްސަލަ އެ ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ، އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް މަހްލޫފްއަކީ، އެކަމަކު މި ވަރުގެ ކަމެއް ކުރި ކަމަށް ދައުވާ ކުރީމަ ދެން ވަޒީރު ކަމުގައި ހުރެގެން ނުވާނެ، މާދަމާ މަހްލޫފް ވާނެ ގޮތެއް ނިންމާ، ނޫނީ މާދަމާ މައްސަލަ ހުށަހަޅާނަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ދެކެވަޑައިގަންނަވާ ގޮތުގައި، ފުލުހުން ތަހުގީގުކޮށް ދައުވާ ކުރަން ފޮނުވުމަށް ފަހު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ދައުވާ ކުރަން ނިންމުމުން ދެން މަހްލޫފްގެ ދިފާއުގައި ހުންނަވާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ނެތެވެ.

"ރައްޔިތުންގެ މަޖިލީހުގައި ދެނެއް މަހްލޫފްއާ އެއްކޮޅަށް ވޯޓު ދެއްވާނެ އެންމެ މެންބަރަކު ވެސް ނުހުންނަވާނެ،" ޖާބިރު ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ނިންމުމާއެކު، އޭނާ ވަނީ ޕީޖީ ހުސައިން ޝަމީމްއާއި ޔޫތު މިނިސްޓަރުގެ ޕާސަނަލް އެސިސްޓަންޓް އަޒްމޫން އަހްމަދުއާ ދެމެދު ދައްކަވާފައިވާ ވާހަކަތަކުގެ ވަޓްސް އެޕް ޗެޓް ލޮގެއް ހާމަކުރައްވާފައެވެ. އޭގައި ޝަމީމް ވަނީ "މަހްލޫފް ފުއްޕާތީ ސައިޒް ކުރަން ޖެހޭ ކަމަށް" ލިޔުއްވާފައެވެ. އެ ކަމާ ގުޅިގެން ޕީޖީ ޝަމީމް އެއްވެސް އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނުވެއެވެ.

މަހްލޫފްގެ މައްސަލައިގައި ކަން ހިނގި ގޮތް:

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު މަޖިލީހުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމަށް އެސްއޯއެފުން 33،000 ޑޮލަރު ލިބުނު ކަމަށް ބުނާ މައްސަލައިގައެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވައިފައެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވެވީ ވެސް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ އޭރު ވަނީ ހަތަރު މަސް ދުވަސްވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ ފައިސާ ޖަމާކޮށް އެކި ކުންފުނިތަކަށް ބަހަމުން ދިޔައީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ.

މި މައްސަލައާ ގުޅިގެން މަހްލޫފް މީގެކުރިން ވެސް ސަސްޕެންޑް ކުރިއެވެ. ފަހުން މަހްލޫފްގެ ސަސްޕެންޝަން އުވާލީ އެ ކަމުގައި އޭނާ ބައިވެރިވި ކަމަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް އެ ވަގުތަށް ލިބިފައި ނުވާ ކަމަށް އޭސީސީ އިން ރައީސް އޮފީހަށް އެންގުމުންނެވެ.

މި ކަމާ ގުޅިގެން މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެއީ ޑޮލަރު ގަތުމަށް ހިންގަވާފައިވާ ސައްހަ މުއާމަލާތެއް ކަމަށެވެ. ޑޮލަރު ގަތީ އާއިލާގެ ވިޔަފާރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ޑޮލަރު ޖަމާވެފައިވާ ކަން އެނގުނީ ވަރަށް ފަހުން ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ހިޔާނާތުގެ ފައިސާ ކަމުގައެވެ.

އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ

މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.

މަހްލޫފްގެ މައްޗަށް މި ފަހުން ހިންގާފައިވާ ތަހުގީގު ގެންދިޔައީ ގޯސްކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީޙުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނަށް ވަނީ އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    މިސަރުކާރަކަށް ނުކެރޭނެ ފިޔަވަޅު އަޅާކަށް ދައުލަތް އޮރިޔާން ކުރާނެކަމުގެ އިންޒާދީ މަޙްލޫފުވަނީ ސަރުކާރަށް ބިރުދައްކާފަ އެހެންވެ ފިޔަވަޅު ނާޅާގޮތަށް
    ސަރުކާރު އެއޮތީ ބިރުން ސިހިސިހި