ލަގެޖުގައި ފޮރުވައިގެން ރާއްޖެއަށް 18 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދެމީހުން ވެސް ފޮށީގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ކޯޓުގައި ބުނެފިއެވެ.

ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން މިމައްސަލައިގައި ހިމެނޭ ބްރެޒިލްގެ 28 އަހަރުގެ ފިރިހެން މީހާ ވަނީ ފޮށީގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ. މިމައްސަލައިގައި ދެން ހައްޔަރު ކުރީ 37 އަހަރުގެ އަންހެނެކެވެ.

ބްރެޒިލް އިން އައި ދެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު 94 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުގައި ހުރި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ ރާއްޖެ އައި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. މަސްތުވާތަކެތި ފެނުނު ލަގެޖަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއާޕޯޓުގައި ހުރެ އެއީ އޭނާގެ އެއްޗެއް ކަމަށް ބުނީ އެއާޕޯޓު ރޫމަކަށް ވައްދައި އޭނާގެ ލަގެޖު ކަމަށް އެއްބަސްވުމަށް މަޖުބޫރުކުރުމުން ކަމަށެވެ.

ކްރިސްޓިއާނޯގެ ބަންދުގެ މަޖިލީހުގައި ފުލުހުން ބުނީ ކްރިސްޓިއާނޯގެ ލަގެޖުގައި ހުރީ 18 ކިލޯގެ ކޮކެއިން ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށެވެ. މަސްތުވާތަކެތި ފެނުނު ލަގެޖުގެ ޓެގުގައި އޮތީ ވެސް ކްރިސްޓިއާނޯގެ ނަން ކަމަށެވެ.

ލަގެޖްގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ކްރިސްޓިއާނޯ ކޯޓުގައި ބުނި ނަމަވެސް އޭނާގެ ބަންދަށް ވަނީ އިތުރު ފަސް ދުވަސް ޖަހާފައެވެ.

މިމައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ ފުރަތަމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ވެސް ވަނީ ކްރިސްޓިއާނޯގެ ފޮށީގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ. ނަމަވެސް އަދިވެސް އޭނާ ވެސް ހުރީ ފުލުހުންގެ ބަންދުގައެވެ.

ފަހަކަށް އައިސް ބްރެޒިލުން ރާއްޖެ އަންނަ މީހުންގެ އަތުން މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ. ބެލެވޭ ގޮތުގައި ބްރެޒިލް މީހުން ރާއްޖެ ބޭނުން ކުރަނީ މަސްތުވާތަކެތި ޓްރާންސިޓް ކުރާ ބަނދަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރުމަ

    ހެޔޮނުވާނެ ތިޔަމީހާ ވެސް ސަލާމަތް ކުރެވެން އޮތްގޮތެއް އޮތްތޯ ކޮށްމެ ގޮތެއްހަދާގެންވެސް ބަލަން ވާނެވެ. އެމީހާގެ ޗެކިން ހިނގި ގޮތުގެ ވީޑިއޯ ކަސްޓަންސް ގައި އޮތްތޯ ބަލަން ވީ ނޫންތޯ؟

  2. ޢަލި

    ސަރުކާރައް ނގާ މާލެ ތިޔާގިކުރަން ޖއްސާ ސްޓަންޓް