ނ.މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށްޓަކައި ކޮންކްރީޓު ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 42 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން މިއަދު ބުނީ މިލަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށިލުމަށްޓަކައި ކޮންކްރީޓު ގައު އެތުރުމުގެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 42.1 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ދަށުން 37222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރާނެއެވެ. ހަމައެހެންމެ 209 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 152 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތިއާއި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.