ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން އައްޑޫގެ ހާލަތު ގޯހުން ގޯހަށް ދާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން މަޝަވަރާކުރަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އައްޑޫ ސިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި ހާލަތު ރަނގަޅު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެ ސިޓީގެ ކައުންސިލާ އެކުގައި މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އައްޑޫ ސިޓީގައި ކޮވިޑް މެނޭޖް ކުރުމަށް އެޗްއީއޯސީގެ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ.

އައްޑޫގައި ކޮވިޑް ކޮންޓުރޯލް ކުރުމަށް އެ ސިޓީގެ ކައުންސިލުން މިހާރުވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ދަށް ގްރޭޑްގެ ކުދިންނަށް އޮންލައިންކޮށް ކިޔެވުން ބަދަލު ކުރުމާއި، ގާޑިޔާތަކާއި ރެސްޓޯރެންޓުތައް ބަންދު ކުރުން ހިމެނެއެވެ.

އާބާދީ ބޮޑު އައްޑޫ ސިޓީން ކޮވިޑް ފެނިގެން އެ އަތޮޅު މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މިހާރު ތިން މަހަށްވުރެ ގިނަ ވެދާނެއެވެ. އެ ސިޓީން ކޮވިޑްގައި މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް ވަނީ ގިނަވެފައިކަން ފާހަގަ ކުރެވެއެވެ. އެގޮތުން މާލެއިން ބޭރުން އެންމެ ގިނައިން ކޮވިޑް ބަލީގައި މީހުން މަރުވެފައިވަނީ އައްޑޫސިޓީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑު ފަރަންޖީ

    ބޯގަޅި ކައުންސިލަރުން ވީމެއި މެހެން މިވެނީ

  2. ކިޔު

    މި ފޮޓޯ ވ ނަލަ. ފޭދޫ ނިމި، މަރަދޫފޭދޫ ފެށޭ ހިސާބު. އެދެނީ އައްޑުއަށް އިތުރު ފެހިކަމާއި ތަރައްގީ.

  3. އަހުމަދު

    އިންޑިއާމީހުން މަދުކޮއް އެމީހުން އައުން ހުއްޓުވަންވީ ފުރަތަމަ