އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ސަރުކާރުން ފިޔަވަޅު ނާޅާ ލަސްކުރާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މަހުލޫފުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުއެވެ.

ޖާބިރު، ކޮމިޓީ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރިޝްވަތުގެ ދައުވާ ޕްރޮސިިއުޓާ ޖެނެރަލް އޮފީހުން މަހުލޫފުގެ މައްޗަށް ކޮށްފައިވާތީ އޭނާ މިނިސްޓަރު ކަމުގައި އެއްގޮތަަކަށް ވެސް ބަހައްޓަން ނުފެންނަ ކަމަށެވެ. އެހެންވެ ވަގުތުން ވަގުތަށް މަހުލޫފު ވަކިކުރުގެ މަސައްކަތް ފަށަން އެ މައްސަލައިގައިވެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ނިންމުމާއެކު، އޭނާ ވަނީ ޕީޖީ ހުސައިން ޝަމީމްއާއި ޔޫތު މިނިސްޓަރުގެ ޕާސަނަލް އެސިސްޓަންޓް އަޒްމޫން އަހްމަދުއާ ދެމެދު ދައްކަވާފައިވާ ވާހަކަތަކުގެ ވަޓްސް އެޕް ޗެޓް ލޮގެއް ހާމަކުރައްވާފައެވެ. އޭގައި ޝަމީމް ވަނީ "މަހްލޫފް ފުއްޕާތީ ސައިޒް ކުރަން ޖެހޭ ކަމަށް" ލިޔުއްވާފައެވެ. އެ ކަމާ ގުޅިގެން ޕީޖީ ޝަމީމް އެއްވެސް އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނުވެއެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވީ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު މަޖިލީހުން ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމަށް އެސްއޯއެފުން 33،000 ޑޮލަރު ލިބުނު ކަމަށް ބުނާ މައްސަލައިގައެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޔޫތު މިނިސްޓަރު ކަމުން މަހްލޫފް ސަސްޕެންޑް ކުރައްވައިފައެވެ. މަހްލޫފްގެ ސަސްޕެންޝަން އުވާލެއްވެވީ ވެސް ދައުވާކުރުން ވަރަށް ބޮޑަށް ލަސްވުމުން މިދިޔަ އޮކްޓޫބަރު ނުވަވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ އޭރު ވަނީ ހަތަރު މަސް ދުވަސްވެފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި އެ ފައިސާ ޖަމާކޮށް އެކި ކުންފުނިތަކަށް ބަހަމުން ދިޔައީ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުނީގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ.

މި މައްސަލައާ ގުޅިގެން މަހްލޫފް މީގެކުރިން ވެސް ސަސްޕެންޑް ކުރިއެވެ. ފަހުން މަހްލޫފްގެ ސަސްޕެންޝަން އުވާލީ އެ ކަމުގައި އޭނާ ބައިވެރިވި ކަމަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް އެ ވަގުތަށް ލިބިފައި ނުވާ ކަމަށް އޭސީސީ އިން ރައީސް އޮފީހަށް އެންގުމުންނެވެ.

މި ކަމާ ގުޅިގެން މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެއީ ޑޮލަރު ގަތުމަށް ހިންގަވާފައިވާ ސައްހަ މުއާމަލާތެއް ކަމަށެވެ. ޑޮލަރު ގަތީ އާއިލާގެ ވިޔަފާރިއަކަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ޑޮލަރު ޖަމާވެފައިވާ ކަން އެނގުނީ ވަރަށް ފަހުން ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

ވޯޓަށް ފަހުގައި އެމްއެމްޕީއާރްސީގެ ހިޔާނަތުގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހަށް ހަވާލާދީ އޭސީސީން ފާހަގަކުރަނީ އެއީ ހިޔާނާތުގެ ފައިސާ ކަމުގައެވެ.

އެކަމަކު، އެ ދުވަސްވަރު އޭނާ ހުންނެވީ ޕީޕީއެމްގައެވެ. އަދި އެ ބިލް ފާސް ކުރަން އޭރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވެސް ނެރުނެވެ. މެލޭޝިއާގައި ހުންނެވުމަށް ފަހު ބިލަށް ވޯޓަށް އަހަން އޮތް ދުވަހު މަހްލޫފް ރާއްޖެ ވަޑައިގަތީއެވެ.

މި ތުހުމަތަށް އިންކާރު ކުރައްވައި މަހްލޫފް ވިދާޅުވަނީ ވެސް އެ ވޯޓާ ގުޅިގެން ޕާޓީގެ ފަރާތުން ހަމައެކަނި ލިބިވަޑައިގަތް ކަމަކީ، ކުއްލިއަކަށް ރާއްޖެ ވަޑައިގެން ދެއްވަން ޖެހޭ ވޯޓަކަށް ވާތީ އަނބުރާ ވަޑައިގަންނަވަން ބޭނުންވާ ޓިކެޓުގެ ޚަރަދު އެކަނި ކަމަށެވެ.

މަހްލޫފްގެ މައްޗަށް މި ފަހުން ހިންގާފައިވާ ތަހުގީގު ގެންދިޔައީ ގޯސްކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީޙުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނަށް ވަނީ އަންގައިފައެވެ.

މަހްލޫފްގެ މައްޗަށް ކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެ ކުށުގެ އަދަބަކީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އެ މުއްދަތަށް އަރުވާލުން ނުވަތަ ހަމަ އެ މުއްދަތަށް ގޭގައި ބަންދުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޢިއްޒަތްތެރި މެމްބަރު ޖާބިރު މޮޔަފުޅުވީތޯ؟؟ މިގައުމުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރއި ވައްކަމާއި މިފަދަ ހުރިހާ ޖަރީމާތަކަށް ދައުވާކޮށް ޖަލަށްލާންޖެހިފައިހުރީ އެއްމެ މީހެއް އެއީ ރ.ޔާމީނު ނޫންތޯ؟؟ މި ސަރުކާރުން ޒީރޯޓޮލަރެންސްގަ ޢެމީހާއަށް ދައުވާކޮށް ހުކުމްކޮށް ޖަލަށްލާފައި އެހުރީ އަދި އިތުރު ދައުވާވެސް އުފުލަމުންނޫންތޯ އެގެންދަނީ؟؟ ދެން ދައުވާކުރަންޖެހޭ އިތުރު ބައެއް މިގައުމުގަ ނުތިބޭނެ

    10
    2
  2. ޑައެލޯގް

    މަޚުލޫފަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. އެއީ މިސަރުކާރުން ދެއްކުމަށްކުރާކަމެކެވެ.

    11
  3. ކުޑަރަދީފު

    ތިޔަކަމަކީ ރައްޔިތުންގެ ލޮލުގައަަޅާ އަނދުނެއް މަހުލޫފަށް ކުޅޭކަށް ނުކެރޭނެ އާޒިމަށް އަދިވެސް މި ސަރުކާރުގެ ބޮޑުންނަށް ކުޅޭކަށް ނުކެރޭނެ މީ މަކަރުވެރި..........

    11
  4. އަހުމަދު

    ހިޔެއްނުވޭ ފިޔަވަޅެއް އެޅޭނެހެނެއް އެއީ އާއިލާ މީހަކަށް ދީފައިން ސްލޮޓެކޯ، މިހާރު މިހިގަނީ ވިރާސީ ވެރިކަމެކޯ އެހެންވީމަ ފިޔަވަޅެއް ނޭޅޭނެޔޯ އެއީ ތެދެއްބާ؟

    11
  5. ހަސަން ކުރުސީގެ ކަރުސަތުނާމާ

    މަޙްލޫފަކީ މި ސަރުކާރުގެ އިންޖީނު. އަދި މަހްލޫފް މަގާމުން ވަކިކޮށް، ޖަލަށް ލާން މަސައްކަތް ކުރަނީ ސީދާ އަންނި. އެއީ ސަރުކާރު ބަލިކަށިކޮށްލުމަށް. ހަރާން ބަޔާން ނެގީ ސީދާ ލަންކާގަ ހުން މަންނި ލައްވާ އަންނި.