"މޯލްޑިވްސް މެރިން އެކްސްޕޯ 2021 "ގެ މެއިން ސްޕޮންސަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަ ޖައްސައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް އެވެ. އަދި މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރ ޝާމް މުޙައްމަދު އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 އިން ފެށިގެން 13 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.

އެމްޓީސީސީން ބުނީ، މެރިން އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވި އަހަރުން ފެށިގެން އެ އެކްސްޕޯގައި އެކުންފުނިން ބައިވެރިވަމުން އަންނަ އެންމެ ބޮޑު އެއް މަޤްޞަދަކީ ކުންފުނިން ވިއްކާ މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު މި ދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްޞާކޮށް، މި ދާއިރާއިން މިކުންފުނިން ހޯދާފައިވާ އިތުބާރު ދެމެހެއްޓަށް ކަމަށެވެ.

މެރިން އެކްސްޕޯގައި އެމްޓީސީސީން މިއަހަރު އެގްޒިބިޓް ކުރަން ނިންމާފައިވާ ޕްރޮޑަކްތަކަކީ ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގް، މެރިން ކޯޓިންގްސް އަދި އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިންގ، އިންޖިނޭރިންގ، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން، ފައިބަރ އަދި ވަޑާމުގެ ޚިދުމަތްތަކުގެ މައުލޫމާތުވެސް މި އެކްސްޕޯއިން ލިބިގެންދާނެއެވެ.