ރާއްޖެއިން ބޭރުން ރާއްޖެ އަންނަ އެންމެން ކަރަންޓީން ވާން ނުޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނީ ކޮވިޑް-19ގެ އައު ވޭރިއަންޓެއް ފެތުރެމުންދާތީ އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރުމުން ބައެއް މީޑިއާތަކުން ރާއްޖެ އިން ބޭރުން އަންނަ ހުރިހާ އެންމެން ކަރަންޓީން ވާން ޖެހޭ ކަމަށް ޚަބަރު ފަތުރަމުން ދާތީއެވެ.

ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް-19 އައު ވޭރިއަންޓް އޮމިކްރޮން އާއި ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި، އިއްޔެގެ މެންދުރު 12:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ބައެއް ފިޔަވަޅުތައް ވަނީ އަޅާފައެވެ.

އެގޮތުން ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން ރާއްޖެ އައުން މަނާކޮށްފައިވާ ކަމަށެވެ. އަދި ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.

އަދި ހަތް ގައުމުން ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. ނަމަވެސް އެ މީހުން, ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ.

މީގެއިތުރުން 12 ގަޑިއިރަށްވުރެ ގިނައިރު އެ ހަތް ގައުމުގެ ތެރެއިންން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.

މިފިޔަވަޅުތައް ފިޔަވައި އިތުރު އާފިޔަވަޅެއް، ބޭރުން އަންނަ މީހުންނާއިމެދު މިހާރު އަޅާފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އާނއެކޭ، އަމުދުން ބޮޑުންގެ ދަރިން ކަރަންޓީނުވާނެ ކަމެއް ނެތޭ، އޭރުންތާއޭ އެމީހުންގެ ގެންނަ ބަލިތައް މިރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް ޖެހި ރައްޔިތުން ގަނަތެޅޭނީ.

  2. ސ

    އެހެން ވީމަ ފްލައިޓް ތެރެއިން ކޮންޓެކްޓު ނުވާނެތާ ދޯ.

  3. ކިނބޫ

    ހަމަނުޖެހޭ ސިޔާސަތު ކަނޑައަޅަން އެއްވަނައިގެ ވެރިންތަކެއް ތިބި ޤައުމެއް މީ. އާ ވޭރިއަންޓް މިހާރު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ފެނިއްޖެ. އެކަމަކު މީހުން އެތެރެވުން މަނާކުރީ ދެކުނު އެފްރިކާގެ ގައުމުތަކުން. މަޖާ ދޯ؟