ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ސަމާލުކަން ދީގެން ތަހްގީގު ކުރާ މައްސަލަތަކެއް ކަމަށާއި އަދި އެފަދަ މައްސަލައެއްގައި ކުޑަކުއްޖަކު ހިމެނޭނަމަ ވަކިން ބޮޑު އިސްކަމެއް އެފަދަ މައްސަލަތަކަށް ދޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ގޯނާގެ ކޮންމެ ތުހުމަތެއް ނުވަތަ ރިޕޯޓެއް ވެސް ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.

އެފަދަ ތަހްގީގުތަކުން ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމަށް ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެމުން ފުލުހުން ވިދާޅުވީ ކަށަވަރު ނުވާ މައުލޫމާތުތައް މީސް މީޑިއާގައި ފެތުރުމުގައި އާއްމުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން އެދޭކަމަށެވެ.

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކަށަވަރު ނުވާ މައުލޫމާތުތައް ނުފަތުރަން ފުލުހުން އެދިފައި މިވަނީ މާލޭގެ ސްކޫލެއްގެ ދަރިވަރަކު 15 ކުދިން ރޭޕް ކުރި ކަމަށް ބުނާ ޚަބަރެއް މީސް މީޑިއާގައި ފެތުރެމުން ދަނިކޮށެވެ. އެމައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އިއްޔެ ފުލުހުން ވިދާޅުވިއެވެ.

މީސް މީޑިއާގައި ބައެއް މީހުން ވަނީ 15 ކުދިން ރޭޕް ކުރި ކަމަށް ބުނާ ކުއްޖާގެ ފޮޓޯއެއް ވެސް އާއްމު ކޮށްފައެވެ. އަދި އޭނާ އާއި އޭނާގެ މައިންބަފައިންގެ ބައެއް މައުލޫމާތާއި ޗެޓްލޮގްތަކެއް ވެސް ވަނީ ހާމަ ކޮށްފައެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ މައުލޫމާތުތަކާއި އަދި ކުށަށް ހުށަހެޅޭ ކުދިންގެ މައުލޫމާތު ހާމަކުރުމަކީ ވެސް ގާނޫނު ބުނާ ގޮތުން ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަސްޓިސް

    18 އަހަރު ވިޔަސް ކުޑަކުއްޖެއް؟؟؟ މަތީ މަގާމެއްގަ އުޅޭ މީހެއްގެ ދަރިޔަކަށް ވީމަ އެކްސެޕްޝަނަކަށް ވީ ދޯ.
    މިކަހަލަ މީހުން މުޖްތަމައުގައި އުޅެންޔާ އެންމެންނަށް އެންގުމަކީ ފަރުދީ ޒިންމާ އެއް ނޫންތޯ؟ މިހާތަނަށް އެއްވެށް ރޭޕް ނޫނީ އެސޯލްޓް ކޭހެއް ފުލުހުންނަށް ރަނގަޅަށް ބެލިފަ އެބަހުރިތަ؟؟