ޓްރާންސްޕޯޓް މިނިސްޓްރީއަކީ ގިނަ ރައްޔިތުންގެ ޝަކުވާ ހުށަހެޅޭ ތަނެއް ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވަމުން ގެންދަވާއިރު އެ ޝަކުވާތަކަކީ ކޮބައިކަން މެންބަރުންނަށް ބަޔާންކޮށްނުދެވޭތީވެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިތްހަމަނުޖެހިވަޑައިގެންފިއެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނަހުލާ ހާޒިރުކުރިއެވެ. ސުވާލު ކުރުމުގެ ފުރުސަތުގައި މިނިސްޓަރާ އެންމެ ފަހު ސުވާލު ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ދާންދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔައުގޫބް އަބްދުﷲއަށެވެ. ޔައުގޫބް، ނަހުލާއާ ސުވާލުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅެމުންދާ ޝަކުވާތަކާއި ގުޅިގެންނެވެ.

"ޒަމާނުއްސުރެ ޝަކުވާތައް އެބަހުށަހެޅޭ މިނިސްޓްރީއަށް" އޭނާ ވިދާޅުވިއެވެ. އެ ސުވާލުގެ ޖަވާބުގައި ނަހުލާ ވިދާޅުވީ މިނިސްޓްރީގެ ހިދުމަތް ލަސްވުމާއި ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުންގެ ފަރާތުން ގިނަ ޝަކުވާތަކެއް އޭނާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. ޝަކުވާ ހުށަހެޅެނީ ކޮންކަމަކާ ގުޅޭ ގޮތުން މަޖިލީހަށް ސިޓީއެއްވެސް ފޮނުވާފައިވާނެ ކަމަށާއި، އަދި މިހާތަނަށްވެސް ހުށަހެޅެނީ ކޮން ޝަކުވާއެއްކަން އެއްވެސް މެންބަރަކަށް ސާފުކޮށް ނުދެވޭ ކަމަށެވެ.

"މަޖިލީހަށް ހުށަހެޅެނީ ކޮން ޝަކުވާއެއްތޯ އަޅުގަނޑާ ހިއްސާކޮށް ދެއްވުމަށް އެދެން. މަޖިލީހަށް ޖަވާބުދާރީ ވެވޭނީ އެ ޝަކުވާއެއް އަޅުގަނޑަށް އެނގިގެން ކަމަށް ސިޓީގައި ފާހަގަކުރިން. ވަކި ޝަކުވާއެއް ބަޔާންނުކުރެވި ދެވަނަ ސިޓީގައި އަންނަނީ ޝަކުވާތައް ހުށަހެޅެއޭ ޝަކުވާތައް ހުށަހެޅެޔޭ" ނަހުލާ ވިދާޅުވިއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހާޒިރުކުރިއިރުވެސް ޝަކުވާ ހުށަހެޅޭ ވާހަކަ ކޮމިޓީގެ މުގައްރިރުވެސް ވިދާޅުވެފައިވާ ކަމަށާއި، "އެކަމަކު އެއީ ކޮން ޝަކުވާއެއް ކަމެއް" ވިދާޅުވެނުވެވޭކަން ނަހުލާ ފާހަގަކުރެއްވިއެވެ.

އެ ކޮމިޓީގައި ނަހުލާ ވިދާޅުވެފައިވާ ގޮތުން ޓްރާންސްޕޯޓުގެ އޮންލައިން ޕޯޓަލްއަށް މިހާތަނަށް 91،006 ފަރާތަކުން ހިދުމަތަށް އެދިފައިވާ ކަމަށާއި، އޭގެ ތެރެއިން 96 އިންސައްތަ ހިދުމަތް މިހާރު ފޯރުކޮށް ދީފައިވާނެއެވެ. ނަހުލާ ވިދާޅުވީ ކުރިއާއަޅައި ބަލާއިރު އެ މިނިސްޓްރީގެ ހިދުމަތްތައް ވަރަށް ބޮޑު ތަނުން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

ނަހުލާ ދެން ކުރެއްވީ މުވައްޒަފުން މަދުކަމުގެ ޝަކުވާއެވެ. އޭނާ ވިދާޅުވީ މި ވަގުތު ހިދުމަތް ދޭން ތިބީ 21 މުވައްޒަފުން ކަމަށެވެ. އެހާ މަދު މުވައްޒަފަކު ތިބިއިރުވެސް ރަނގަޅަށް މަސައްކަތް ކުރަނީ މަދު މުވައްޒަފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަލަން ތުނޑު

    ޢެއް ގަރާޖަށް 200ކާރު ރަޖިސްޓަރީ ކޮށްދިފައިވާކަމުގެ ޝަކުވާ

    7
    3
  2. ހުސޭނުބޭ

    ތިޔަނުގައި ޝަކުވާ ނޫން އެއްޗެއް ނެތް! ޝަކުވާއަކީ ކޮން އެއްޗެއްކަން ނޭނގޭ މީހާއަށް އެކަން ސާފުކޮށްދޭނީވެސް ކިހިނެއް!

    6
    1
  3. ސަބޭ

    މަޖްލިސް މެމްބަރުން ސައިޒްކޮށްލީދޯ ގަދަ މީހެއް ކަލޯމެން ސައިޒްވޭދޯ ހެޔޮމީހަކާއި ޖެހޭއިރަށް

    8
    2
  4. 🙄

    ޝަކުވާ އަކީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ގުޅާ ގުޅާ މޮޔަވާއިރުވެސް ފޯނު ނުނެގުން.