އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން ހިނގައި ދިޔަ ދެ އަހަރަކީ ދިވެހި ރައްޔިތުންނަށް އެންމެ ނިކަމެތިކަން ކުރިމަތިވި ދެ އަހަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ޝިޔާމް ކުުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް "ނާއިންސާފުވެރި" ހުކުމެއް އިއްވި ފަހުން ޖަލުގައި ހުންނަވާތާ ދެ އަހަރު ވީއިރު، މި ދެ އަހަރު ތެރޭގައި ރާއްޖޭގެ ހާލަތު ވަރަށް ގޯހަށް ގޮސްފައިވާ ކަމަށެވެ.

"ރައްޔިތުންނަށް މި ދެ އަހަރު މި ދިޔައީ ރާއްޖޭގެ ތަރައްގީގެ ތާރީޚު ހުއްޓި، އިގްތިސޯދު ފުން އަނދަވަަޅަކަށް ވެއްޓި ގައުމު ބަނގުރޫޓުވެ ރައްޔިތުން ނިކަމެތި ވެގެން ދިޔަ ދެ އަހަރަށް،" ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ފަސް އަހަރުގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ނޮވެމްބަރު 28، 2019 ގައެވެ. އެއީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާއިން އެއް މިލިއަށް ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގައެވެ. ދައުލަތުން ވިދާޅުވަނީ އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމުގައެވެ.

މި ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް ޝަރީއަތް އޮތީ ހުކުމުގެ މަރުހަލާގައެވެ. އަންނަ އަންގާރަ ދުވަހު އެ ކޯޓުގެ ހުކުމް އިއްވާނެއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޗެކް ނަންބަރު ދިމާނުވާތީ އެއީ ޚިޔާނާތުގެ ފައިސާ ކަމާ މެދު އަނެއްކާ ވެސް ސުވާލު އުފެދުނެވެ.

ދަށު ކޯޓުގައި ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ވެސް ލީކުވިއެވެ. އެ އޯޑިއޯތަކުގެ ތެރެއިން އަޑު ދިމާވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އަޑު އެކަނި ކަމަށް ޖޭއެސްސީން ފުލުހުންނާ ގުޅިގެން ކުރި ތަހުލީލަށް ފަހު ވިދާޅުވެފައެވެ. ގާޒީ ފާއިޒްގެ އޯޑިއޯ ފުރަތަމަ އާންމުކޮށްލީ "ވަގުތު" އިންނެވެ.

ޔާމީން މި ވަގުތު ހުންނެވީ ގޭބަންދުގައެވެ. އެއީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމުން ހިރާސް ބޮޑު ނުވަތަ ހައި ރިސްކް މީހުނަށް ސަރުކާރުން ލުއި ދޭން ނިންމި ނިންމުމުގެ ތެރެއިން ޔާމީނަށް ވެސް އެ ލުއި ދިނީއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

ދެން އެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް ވަނީ ރ. ފުއްގިރި މައްސަލާގައި ދެ ދައުވާއެއް އުފުލައި އެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެއެވެ. އަދި ވ. އާރަށް މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެ ޝަރީއަތް އަދި ނުފަށައެވެ. މި ސަރުކާރު އައި ފަހުން ޔާމީންގެ މައްޗަށް އުފުލާ އެ ދައުވާތަކީ "ސިޔާސީ ދައުވާތަކެއް" ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ރީނދޫ ގުރޫޕު މިއީ މިގައުމުގެ ހަލާކު މިގުރޫޕު މުޅިގައުމު ދަވާލައިފި ، ދެންވެސް މިގައުގެ ހާލަތު ރަނގަޅުކޮން ދިވެހިންގެ ހިތްތަކަށް ފިނިކަމެއްހޯދައިދޭނީ ރައީސް ޔާމީނު ، ﷲ އިރާދަކުރެއްވިއް 2023 ހުގައި މިގައުމުގެ ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް އައްނާނީ ރައީސް ޔާމީން .. އާމީން

  3
  1
 2. ފްރާޑާ އައިނު

  ރައްޔިތުން ނިކަމެތިވަނީ ހިޔާނާތުގެ ފައިސާ ކަލޭމެންނަށް ލިބުނުގޮތަށް ރައްޔިތުންނައް ނުލިބުމުންތޯ ؟؟؟؟؟؟

  1
  4
 3. 13ވގ

  ޔާމީން 5އަހަރުވެރިކަންކުރީ ކަލޭމެންގެ 6 އެއްކަމީހުނައް ގިނަރައްޔިތުން ތިބީ ހާލުގަޖެހިފަ ގޮތްހުސްވެފަ އެކަކު ތެޔޮވިއްކާ އަނެކަކު ފިހާތައްހުޅުވާ 10 ބުރިޔައްގެއަޅާ 14 ބުރިޔައްގެއަޅާ ރެހެންދީފުލެޓްގަނެ އެވެސްކޮބާ2 އެއް މިހިންކިޔާނެކަމެއްނެތް

  1
  3
 4. ފާތުމަ

  ކަލޭމެން ނިކަމެތިވި ވާހަކަ ދޯ. ޖީބަށް މަދުވީ

 5. އަލްޖިބްރާ

  ޔާމީނު ވެރިކަމުގަ ނެތީމަ ކަލެއަށް ލިބޭ ބައި މަދުވީމަ ކަލޭ ނިކަމެތިވި ވާހަކަ ތަ ؟