މާލޭގައި ވީރާނާވެފައި ހުރި ޕާކްތައް އަންނަ އަހަރުގެ މެއި މަހުގެ ކުރިން މަރާމާތުކޮށް ނިންމުމަށް މާލެ ސިޓީ ކައުންސިލުން އަމާޒު ހިފައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކާނިވާ ސަރަހައްދުގައި އޮންނަ ޕާކާއި އިސްކަންދަރު މައިޒާން ފަދަ، ޕާކްތައް ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ މާލެ ސިޓީ ކައުންސިލްގެ ދައުރުގެ ފުރަތަމަ އަހަރު ނިމުމުގެ ކުރިން ވީރާނާވެފައިވާ ހުރިހާ ޕާކްތަކެއް މަރާމާތުކޮށް ރައްޔިތުންނަށް ބޭނުން ކުރެވޭ ތަންތަނަށް ހަދަން ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ސަލްޓަން ޕާކް ވެސް ހިމެނޭ. ސަލްޓަން ޕާކްގެ ތެރޭގައި އެބަހުރި ވަރަށް ބޮޑަށް ހަލާކުވެފައި ހުރި ތަންތަން،" މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި އިރު، އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ މާލެއަކީ ހިތްފަސޭހަ، ރީތ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ހެދުމަށެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި އެކި ނަން ނަމުގައި ޕާކްތަކާއި މައިޒާންތައް ހެދިއެވެ.

އެކަމަކު، ޔާމީންގެ ވެރިކަން ނިމުނު ފަހުން، އެ ތަންތަން ނުބެލެހެއްޓުމުގެ ނަތީޖާއަކަށްވީ ތަންތަން ވީރާނާވެގެން ދިއުމެވެ. މިހާރު އެ ތަންތަން ބޭނުން ނުކުރެވޭތީ އާންމުންގެ ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މާލޭގެ މަލަމަތީގެ ގޮތުގައި އޮންނަ އަދި މުހިންމު ގައުމީ ޖަލްސާތަކާއި އެކިއެކި އިވެންޓުތައް ބާއްވާ ޖުމްހޫރީ މައިދާން އޮތީ ވީރާނާވާން ދޫކޮށްލެވިފައެވެ. އެ ތަން ވެސް މަރާމާތު ކުރަން ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިހާރު ވިނަ އިންދައި ނިމިއްޖެ. ދެން ފައުންޓެއިން ވެސް ހުރީ ހަލާކުކޮށްލާފައި. ފައުންޓެއިން ހަދަން ބަޔަކު ހޯދަން އިއުލާންކޮށްފައި ވާނީ. އުންމީދު ކުރަނީހުރިހާ މަރާމާތެއް ނިންމައި އާކޮށްފައި ޖުމްހޫރީ މައިދާން ކުރީގައި ހުރި ފެންވަރަށް އަދި އިރާދަކުރެއްވިއްޔާ އެއަށް ވުރެ ރަނގަޅަށް ރިނޮވޭޓްކޮށްފައި ޑިސެމްބަރު 20 ގައި ހުޅުވާނަން،" މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރާވެރިބޭ މައިޒާން މަރާމާތު ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަން މުއިއްޒު ފާހަގަކުރެއްވިއެވެ. އެއީ ކުޑަކުދިން ވަރަށް ގިނަ އިން ދާ ތަނެއް ކަން ފާހަގަ ކުރައްވައި އެތަން ވީރާނާވާން ދޫކޮށްލީ ކީއްވެކަން ސާފުވެވަޑައިގެންފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އާ ކައުންސިލެއް ގެނައީ މިކަންކަން ބަދަލު ކުރަން ކަމަށްވާތީ އެ ތަން ވެސް މަރާމާތުކޮށް އަންނަ ޖެނުއަރީގައި ބޭނުން ކުރެވޭ ހާލަތަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ޕާކްތަކުގެ އިތުރުން މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ދީފައި ވަނީ އެއް މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު، ސިޓީ ކައުންސިލުން ސާވޭ ކުރިއިރު މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ އަރާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންވެ މިސްކިތްތައް މަރާމާތު ކުރުމަށްޓަކައި ފަންޑު ހޯދުމުގެ މަސައްކަތް ކުރަން ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.