މާލެ ސަރަހައްދުގެ ކަންކަން ބަލަހައްޓަން ފުލުހުންގެ ޚާއްސަ ބަޔަކު ހަމަޖައްސަން ފުލުހުންގެ އިދާރާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ މި ކަމަކީ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ފުލުހުންނާއެކު މި ކަމުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ގޮތުން މާލެ ސަރަހައްދުގެ ހަ އަވަށަށް ބަހާލެވިގެން ޚާއްސަ ކޮންސްޓަބިއުލަރީ ފުލުހުން ހަމަޖައްސާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ވަކި އަދަދެއް ވިދާޅުނުވި ނަމަވެސް ޑިއުޓީ ބަހާލައިގެން 24 ގަޑިއިރު ތިބެވޭ ގޮތަށް މި ފުލުހުން ހަރަކާތްތެރިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި، ފުލުހުން ތަމްރީން ކުރާ ސްޕެޝަލް ކޮންސްޓަބިއުލަރީ މީހުން މާލެ މަގުމަތީގައި ތިބޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ފުލުހުންނާއި ލޯ އެންފޯސްމަންޓް ނުވަތަ ގާނޫނު ތަންފީޒު ކުރާ އިދާރާތައް މެދުވެރިކޮށް މި މީހުން ތަމްރީން ކުރި ނަމަވެސް އެ މީހުން އަމަލު ކުރާނީ ސިޓީ ކައުންސިލްގެ ނިންމުންތަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މުސާރަަ ވެސް ދޭނީ ސިޓީ ކައުންސިލްގެ ބަޖެޓުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ މާލޭގައި ހިނގަމުން އަންނަ ނުރަނގަޅު ގިނަ ކަންކަން ހައްލު ކުރުމެވެ.
މާލޭގެ ޕާކްތަކާއި މިސްކިތްތަކާއި ސަރުކާރު އިމާރާތުގެ ސެކުއިރިޓީ ވެސް މި ފުލުހުން ބަލަހައްޓާނެއެވެ. މަގުމައްޗަށް މީހުން ކުނި އެޅުމާއި، ޕާކް ކުރާ ގޮތް ގޮތް ވެސް ބަލަހައްޓާނެވެ.
މުއިއްޒު ވިދާޅުވީ މި ގޮތަށް އަމަލު ކުރަން ފެށުމުން، މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމާއި، ގަވާއިދު ޚިލާފަށް ޕާކް ކުރުން ހުއްޓުވަން މަގުމަތީ ކޮންސްޓަބިއުލަރީ ފުލުހުން ހަރަކާތްތެރިވާން ތިބޭނެ ކަމަށެވެ.
މުއީޒޫ ހިޔާޓަވަރަށް އިސްކަންދީބަލަ
ނޯ ވޮރީސް، ހިޔާ ޓަވަރަށްވެސް އިސްކަން ދޭނެ، އަދި މުޅި ޖުމްލަކޮށް ގްރޭޓަރ މާލޭ އޭރިޔާގެ ރަށްކާތެރި ކަން އިތުރު ވެގެން ދާނެ ، އިންޝާ ﷲ